އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ހޯސްޓް ކުރާ ވޯލްޑް ކަޕް ފެށެން މަހަކަށްވުރެ ކައިރިވެއްޖެއެވެ. ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އިވެންޓެވެ. ޔަގީނުންވެސް ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. އެ މުބާރާތް ބާއްވާ ކޮންމެ ސިޓީއަކަށް މުބާރާތާ ގުޅިގެން އިގުތިސޯދީ އެތައް ފައިދާއެއް ވާނެކަން ޔަގީނެވެ. އެކަމަށް މުޅި ސިޓީ އެކުގައި ތައްޔާރުވެސް ވާނެއެވެ.
މިފަހަރު ވޯލްޑް ކަޕަކީ ތާރީހުގައިވެސް އެންމެ ބޮޑު ވޯލްޑް ކަޕެވެ. 48 ޓީމުން 104 މެޗު ކުޅޭނެއެވެ. އެންމެ ގިނަ މެޗު ކުޅޭނީ އެމެރިކާގައެވެ. ފީފާއިން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދައްކަމުން އަންނަ އެއް ވާހަކައަކީ ޓިކެޓަށް ޑިމާންޑް ބޮޑު ކަމަށް ދައްކަމުން އަންނަ ވާހަކައެވެ. ފީފާއިން ފުރަތަމަވެސް ބުނީ 500 މިލިއަން ޓިކެޓް ރިކުއެސްޓް ލިބުނު ކަމަށެވެ. އެއީ ގާތްގަނޑަކަށް މަހެއްގެ ތެރޭގައެވެ. މިހާތަނަށް، ޖުމުލަ 6 މިލިއަން ޓިކެޓް ތެރެއިން ފަސް މިލިއަން ޓިކެޓް ވިކި ހުސްވެފައިވާ ކަމަށް ފީފާއިން ބުނެފައިވެއެވެ. އެއީ މިފަހުން ހުޅުވާލި، އެންމެފަހު ވަގުތުގެ ޓިކެޓްތައް ނުލައެވެ.
ކޮންމެއަކަސް ވޯލްޑް ކަޕަށް އޮތް ޑިމާންޑް ދެއްކުމަކީ ފީފާގެ މާކެޓިންގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމަށް ހޯސްޓް ސިޓީތަކުން ތައްޔާރުވާނެވެސް މެއެވެ. ހާއްސަކޮށް ވޯލްޑް ކަޕަކީ އިގުތިސޯދީ ނަފާ އިންތިހާއަށް ބޮޑު މުބާރާތަކަށްވާ އިރު، އެ އިގުތިސޯދީ ނަފާގެ އެއް ބައިވެރިޔަކީ ގެސްޓް ހައުސްތަކާއި ހޮޓާތަކެވެ. ލަގްޒަރީ ހޮޓާތަކުން ފެށިގެން އެންމެ އާދައިގެ ތަންތަނެވެ. ފީފާއިން މިފަހަރުގެ ވޯލްޑް ކަޕަށް އާއްމުކުރި ތަފާސްހިސާބުތައް ބުނާ ގޮތުން، ވޯލްޑް ކަޕާ ދިމާކޮށް އެމެރިކާގައި އިތުރު 185،000 ވަޒީފާ އުފެދި، ޖީޑީޕީއަށް 12،7 ބިލިއަން ޕައުންޑް އިތުރުވާނެއެވެ. އޭގެ ތެރޭގައި އާންމު ރައްޔިތުންގެ ވިޔަފާރިތައްވެސް ހިމެނެއެވެ.
ކޮންމެއަކަސް އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެސޯސިއޭޝަން (އަހްލާ) އިން ބުނާ ގޮތުން، ފީފާއިން ދެއްކި މަންޒަރާއި ހޮޓާ ބުކިންތަކާ ދިމައެއް ނުވެއެވެ. އަހްލާއަކީ އެމެރިކާގެ އެންމެ ބޮޑު ހޮޓެލް އެސޯސިއޭޝަނެވެ. އެ ޖަމިއްޔާއިން 32،000 ހޮޓާ ތަމްސީލުކުރެއެވެ. އަދި 80 ޕަސެންޓް ފްރެންޗައިސްތައްވެސް ތަމްސީލުކުރެއެވެ.
އަހްލާއިން ވަނީ ފީފާއާ ދޭތެރޭ ބޮޑެތި ސުވާލަތަކެއް އުފައްދާފައެވެ. ހާއްސަކޮށް ފީފާއިން ޑިމާންޑް އޮތްކަން ދައްކަން ކުރާ މަސައްކަތަށް ފާޑު ކިޔާފައިވެއެވެ.
ފީފާއިން ގިނަ ބުކިންތަކެއް، ކެންސަލް ކުރަނީ ފަހުވަހުތު
އަހްލާއިން ބުނީ ވޯލްޑް ކަޕާ ދިމާކޮށް އެމެރިކާގެ ހޮޓާތަކުން ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށް، އެތައް ހަރަދެއް ކޮށްފައިވާ ކަމަށެވެ. އެއީ ފީފާގެ ތަފާސްހިސާބުތަކުގެ މައްޗަށެވެ. ވޯލްޑް ކަޕަށް ދާ އެތައް ސަޕޯޓަރުންނަކަށް ހޮޓާތަކުން ތައްޔާރުވެގެން ތިބި ނަމަވެސް، ހީކުރިވަރާ ގާތަށްވެސް ހޮޓާތަކުގެ ބުކިންތައް ފުލް ނުވާ ކަމަށް އަހްލާއިން ބުންޏެވެ.
އަހްލާއިން ބުނީ ޓިކެޓް ވިކި، ސަޕޯޓަރުން ދާކަން ދެއްކުމަށް ފީފާއިން ގިނަ ހޮޓާތަކެއްގެ ކޮޓަރިތައް ކުރީބައި ބުކް ކުރި ކަމަށެވެ. އެގޮތުން ބޮސްޓަން، ޑަލަސް، ލޮސް އެންޖެލަސް، ފިލަޑެލްފިއާގެ އިތުރުން ސިއާޓަލްގެ 70 ޕަސެންޓް ހޮޓަލުގެ ކޮޓަރިތައް ފީފާއިން ބުކް ކުރި ކަމަށާއި، މިހާރު އެ ކޮޓަރިތައް ކެންސަލް ކޮށްފައިވާ ކަމަށް އަހްލާއިން ބުންޏެވެ. ފީފާއިން އެ ކޮތަރިތައް ބުކް ކުރީ، ސަޕޯޓަރުންނަށް ފަހުވަގުތު ބޭނުންވާނެ ކަމަށް ބަލައިފައެވެ.
އެ އިދާރާއިން ބުނީ އަހްލާއިން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށާއި، ފީފާއިން ކޮޓަރި ބުކްކޮށް ކެންސަލް ކުރީ އެގްރީމެންޓްގައި ވާ ތާރީހަށް ވަގުތު ދީގެން ކަމަށެވެ. އަދި ފީފާއިން ހޮޓާ ބުކް ކުރަނީ ހޮޓާތަކުގެ ވެރިންނާ ވާހަކަ ދައްކައި، އެންމެ ރަނގަޅަށް އިންތިޒާމުކުރަން ކުރާން ޖެހޭ މަސައްކަތް ކުރުމަށް ކަމަށްވެސް ފީފާއިން ބުންޏެވެ. ފީފާއިން ބުނީ ވޯލްޑް ކަޕުގެ ގުރުއަތުލުމާއެކު ސަޕޯޓަރުންނަށް ރަނގަޅު އަގުގައި ހޮޓަލުގެ ހިދުމަތް ފޯރުކޮށްދޭން ފީފާއިން އަޅާ ފިޔަވަޅުތައް އެއީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށެވެ.
އަހްލާއިން ބުނީ ކުރީން ހޮޓާތަކުގެ އަގު އިންތިހާއަށް އަރައިގެން ދިޔަ ނަމަވެސް މިހާރު 20 ޕަސެންޓުގެ ވެއްޓުމެއް ފެންނަ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ބޮސްޓަން ކަހަލަ ސިޓީތަކުގައި ކޮޓަރިއެއް ރެޔަކަށް ވިއްކާ އަގަކީ 224 ޑޮލަރެވެ. އެއީ ނިސްބަތުން ބޮޑު އަގެކެވެ.
އަހްލާއިން ބުނީ ފީފާގެ ބުކިންތަކާއެކު އެމެރިކާއަށް އަންނަ މީހުންގެ އަންދާޒާ އިތުރުވިތަން ފެނުނު ނަމަވެސް، އަދިވެސް ސަޕޯޓަރުން އަންނަ އަދަދު ބޮޑުތަނުން މަދު ކަމަށެވެ. އެކަމުގައި އިތުރު ބައެއް ކަންކަން ހުރިކަން އަހްލާއިން ވެސް ފާހަގަކުރިއެވެ. އަހްލާގެ އެ ޝަކުވާ ކެނެޑާގެ ހޮޓާތަކުންވެސް އުފުލާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
ވޯލްޑް ކަޕަށް ދާ ސަޕޯޓަރުން މަދު؟
މިފަހަރުގެ ވޯލްޑް ކަޕަކީ ސަޕޯޓަރުންނަށް އެންމެ އުނދަގޫ އެއް ވޯލްޑް ކަޕަށް ވަނީ ވެފައެވެ. އެމެރިކާގެ ވިސާ ޕޮލިސީތަކުން ފެށިގެންގޮސް އަގުތަކުގެ ސަބަބުންނެވެ. ހާއްސަކޮށް އެތެރޭގެ އަގުތައް ބޮޑުވެ، އެކަމުގެ ޝަކުވާ އިންތިހާއަށް އުފެދިފައިވެއެވެ. ހައްލު ހޯދުމަށް ފީފާއިން ކުރަމުން އަންނަ މަސައްކަތުގައި ލޮސް އެންޖަލަސް ފަދަ ސިޓީތަކުގެ ޓްރާންސްޕޯޓް އަގުތަކަށް ވަނީ ބަދަލުވެސް ގެނެސްފައެވެ. އެ ބަދަލާއެކު ބައެއް ސިޓީތަކުގެ އަގު ހެޔޮކުރަންވެސް ނިންމާފައިވެއެވެ.
އެހެން ނަމަވެސް އަދިވެސް އިމިގްރޭޝަން މައްސަލަތަކާއި، އެމެރިކާގެ ސިޔާސީ ހަމަނުޖެހުމުގެ އިތުރުން ދުނިޔޭގެ ސިޔާސީ ކަންކަމުގައި އެމެރިކާގެ ސްޓޭންޑާވެސް ހެދި، މެޗު ބަލަން ދާ ސަޕޯޓަރުން އެންމެ އެކަށީގެންވާ މިންވަރަކަށް ފެންނާނެ ކަމަކަށް ނުބެލެވެއެވެ. އއެމެރިކާގެ އަގުތަކަކީ އާއްމުކޮށް ބޮޑެތި އަގުތަކަކަށްވުމާއެކު، މެޗުތަކަށް ދާ ސަޕޯޓަރުން އަގުހެޔޮ ގޮތްތައް ހޯދާ ކަމަށް ނޫސްތައް ބުނެއެވެ. އެގޮތުން އެއާބީއެންބީގެ ބުކިންތައް ގިނަވުމުން އެކަން ސާފުވާ ކަމަށް ނޫސްތައް ބުނެއެވެ.
ބައެއް ސަޕޯޓަރުން ބުނީ ރެއެއްގެ ހުރުމަށް ބަޖެޓަކީ 75 ޑޮލަރު ކަމަށާއި، އެ އަގުގައި ލިބެނީ އެއާބީއެންބީން އެކަނި ކަމަށެވެ. އެއާބީއެންބީން އެ ނަފާ ހޯދަމުން ދިޔުމާއެކު އެމެރިކާގެ ހޮޓާތަކަށް އޭގެ އަސަރު ދަނީ ކުރަމުންނެވެ. ބައެއް ސަޕޯޓަރުން އަދިވެސް ހޮޓާ އަގުހެޔޮވާންދެން ބުކް ނުކޮށް ތިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ދުރު ހޮޓާތައް އަގުހެޔޮކޮށް ހޯދައިގެން ސަޕޯޓަރުން ތިބޭނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް