ވޮލީބޯޅައިގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި މުޅިން އަލަށް ބާއްވަން ފެށި ރާއްޖެ ވޮލީ ކްލަބު ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން އައިޑިއަލް މޫވްމެންޓުން ހޯދައިފިއެވެ.

ރާއްޖެ ވޮލީ ކްލަބުގެ ފަރާތުން ބާއްވާ ފުރަތަމަ މުބާރާތުގައި ކުރިއަށް ދިޔައީ އަންހެން ޑިވިޝަން އެކަންޏެވެ. އަށް ޓީމަކުން މުބާރާތުގައި ވާދަކުރި އިރު، ގްރޫޕް ސްޓޭޖު ކުރިއަށް ދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އާދިއްތަ ދުވަހުގެ ރޭ މާފަންނު އައުޓްޑޯ ވޮލީ ކޯޓުގައި ކުރިއަށްދިޔަ ފައިނަލް މެޗުގައި އައިޑިއަލް މޫވްމެންޓުން ވަނީ އައިލެންޑް ފްރެންޑްސް ކައިރިން ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްފައެވެ. މެޗުގެ ސެޓުތައް ދިޔައީ 25-22، 25-21 އަދި 25-21 އިންނެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ. ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ ކާވާ އަދި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފެވެ.

ރާއްޖެ ވޮލީ ކްލަބުން ބުނީ މިއީ ފެށުމެއް ކަމަށާއި، އަންނަ އަހަރު އިތުރަށް ފުޅާކޮށް މުބާރާތް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. ރާއްޖެ ވޮލީ ކްލަބު ޗެމްޕިއަންޝިޕް 2026ގެ މެއިން ސްޕޮންސާއަކީ ގޯލްޑް ކީ ޕްރައިވެޓް ލިމިޓެޑެވެ. ބެވަރޭޖް ޕާޓްނާއަކީ ކޮކާކޯލާ އެވެ. މީޑިއާ ޕާޓްނާއަކީ "ވަން ސްޕޯޓްސް"އެވެ.