އުތުރު އެމެރިކާގެ ގައުމުތަކުގައި އަންނަ މަހު ފަށަން ތައްޔާރުވެފައިވާ ފީފާ ވޯލްޑް ކަޕް 2026 ގެ ހޯސްޓް ގައުމެއް ކަމަށްވާ ކެނެޑާއިން މުބާރާތުގެ އިންތިޒާމުތަކަށް އެއް ބިލިއަން ކެނޭޑިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް ލަފާކޮށްފިއެވެ.

މިފަހަރު 48 ގައުމު ވާދަކުރާ ވޯލްޑް ކަޕަކީ މިހާތަނަށް ތާރީހުގައިވެސް ފެނިގެންދާނެ އެންމެ ބޮޑު ވޯލްޑް ކަޕެވެ. އެމެރިކާގެ އިތުރުން ކެނެޑާ އަދި މެކްސިކޯގައި މެޗުތައް ހޯސްޓް ކުރާ އިރު، ކެނެޑާގައި ޖުމުލަ 13 މެޗެއް ހޯސްޓް ކުރާނެއެވެ. އެއީ ޓޮރޮންޓޯގައި ހަ މެޗު، ވެންކޫވާގައި ހަތް މެޗެވެ.

ޖުމުލަ 104 މެޗު ކުޅޭ، ވޯލްޑް ކަޕަށް ހޯސްޓް ގައުމުތަކުން ތައްޔާރުވަމުން އަންނަ އިރު، ކެނެޑާގެ ފެޑެރަލް ބަޖެޓަށް ފާރަލާ ނޫހަކުން ބުނީ އެ ގައުމުން ވޯލްޑް ކަޕަށް ކުރާ ހަރަދު، އެއް ބިލިއަން ކެނޭޑިއަން ޑޮލަރު (777 ލައްކަ އެމެރިކާ ޑޮލަރު) އަށް އަރާނެ ކަމަށެވެ. އެއީ މެޗަކަށް ގާތްގަނޑަކަށް 82 މިލިއަން ކެނޭޑިއަން ޑޮލަރެވެ. ކެނެޑާގެ މަޖިލީހުގެ ބަޖެޓް އޮފިސަރު ހާމަކޮށްފައި ވަނީ އެއީ މީގެ ކުރީން ވޯލްޑް ކަޕް މެޗުތަކަށް ހިނގާފައިވާ ހަރަދަށް އަންދާޒާ ކޮށްފައިވާ އަދަދެއް ކަމަށެވެ.

ކެނެޑާއިން ވޯލްޑް ކަޕަށް ކުރާ ހަރަދުގެ ތެރެއިން 473 މިލިއަން ކެނޭޑިއަން ޑޮލަރު ފެޑެރަލް ގަވަމެންޓްގެ ހަރަދެވެ. ދެން އަނެއް 593 މިލިއަން ކެނޭޑިއަން ޑޮލަރަކީ އެހެނިހެން އިދާރާތަކަށް މިހާރުވެސް ދޫކޮށްފައިވާ ބަޖެޓުން ކުރާނެ ހަރަދުތަށް ކަމަށްވެސް އާއްމުކޮށްފައިވާ ރިޕޯޓުތަކުގައިވެއެވެ.