މި ސަރުކާރުން ކުރިއަށް ގެންދާ "އެންމެނަށް ބޯހިޔާވަހިކަން" ސްކީމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީއަށް، އެފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް އެޕްލައި ކުރެވޭގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ގެނައި އެ އިސްލާހާއެކު، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށް މިއަދުން ފެށިގެން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ކެޓަގަރީން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަސް ކަމަށެވެ. ނަމަވެސް، މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އެހެން ހުރިހާ ކެޓަގަރީތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 އަށް ހަމަވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ އިތުރު ބަދަލުތަކެއްވެސް ގެނެސްފައެވެ. އެގޮތުން، އާންމު ފަރާތްތަކުން މާލެ ސަރަހައްދުގައި 15 އަހަރު ދިރިއުޅެފައިވާން ޖެހުނު ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ މުއްދަތު ވަނީ ފަސް އަހަރަށް ކުޑަކޮށްދީފައެވެ. މީގެ އިތުރުން، ބަލީގެ ހާލަތަށް ފަރުވާ ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހޭ ފަރާތްތަކާއި، ފަރުވާއަށް މާލެ ބަދަލުވެފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ހުޅުވާލާފައިވާ މި މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.