އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ކާލޮސް އަލްކަރާޒަށް ކުރިއަށް އޮތް ވިމްބަލްޑަންއާއި ފްރެންޗް އޯޕަން މުބާރާތްވެސް ގެއްލޭނެކަން އޭނާ ހާމަކޮށްފިއެވެ.

އުމުރުން 23 އަހަރުގެ ސްޕެއިން ތަރި އަލްކަރާޒަކީ މިވަގުތު ދުނިޔޭގެ ދެވަނަ ކުޅުންތެރިޔާއެވެ. މިހާތަނަށް ކެރިއަރުގައި ގްރޭންޑް ސްލޭމް ހަތް މުބާރާތެއް ކާމިޔާބުކޮށްފައިވާ އިރު، އަލްކަރާޒަށް އަނިޔާވީ މިދިޔަ މަހު ބާސެލޯނާ އޯޕަންގައެވެ. އޭގެފަހުން އޭނާއަށް ކުޅެވިފައެއް ނުވެއެވެ.

މިދިޔަ ފްރެންޗް އޯޕަންވެސް ކާމިޔާބުކުރި އަލްކަރާޒް، މިސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޮސްޓްރޭލިއާ އޯޕަން ކާމިޔާބުކޮށްފައިވެއެވެ. އެއާއެކު ގްރޭންޑް ސްލޭމް ހުރިހާ ތަށްޓެއް ހަމަކޮށްފައިވާ އިރު، އޭނާ ވެފައިވަނީ އެންމެ ހަގު އުމުރެއްގައި އެ ޝަރަފު ހޯދި ކުޅުންތެރިޔާއަށެވެ.

މިދިޔަ އަހަރު ކުޅިވަރު އުސްއައްޔެއްގެ ގޮތުގައި މިހާރު ދުނިޔޭގެ އެއްވަނަ ޖަނިކް ސިނާއާއި އަލްކަރާޒްގެ ވާދަވެރިކަން ފާހަގަވެގެން ގޮސްފައިވާ އިރު، އަނިޔާގެ ސަބަބުން އަލްކަރާޒަށް ވަނީ ރޭންކިން ދަށްވުމާ ކުރިމަތިލާން ޖެހިފައެވެ. މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައިވެސް ސިނާއާއި އަލްކަރާޒް ވާދަކުރި އިރު، އެއީ ތާރީހީ ވަރުގަދަވެސް މެޗެއެވެ.

އެފަހަރު އަލްކަރާޒް މޮޅުވި ނަމަވެސް އޭގެފަހުން ވިމްބަލްޑަން ކާމިޔާބުކުރީ އަނެއްކާވެސް ސިނާއެވެ.

އަނިޔާއާ ގުޅިގެން އަލްކަރާޒް ބުނީ ކުޑަހުޅަށް ލިބިފައިވާ އަނިޔާ ދަނީ ރަނގަޅުވަމުން ނަމަވެސް، އަނިޔާއިން އެއްކޮށް ރަނގަޅުވެގެން ނޫނީ އަނބުރާ ނުނުކުންނާނެ ކަމަށެވެ.