މެލްބަންގައި ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، އުމުރުން 38 އަހަރުގެ ނޯވަކް ޖޮކޮވިޗާއި ސްޕެއިންގެ ކާލޮސް އަލްކަރާޒް ފައިނަލަށް ދަތުރުކޮށްފިއެވެ.
މިފަހަރު އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލް ދެ މެޗުވެސް ފަސް ސެޓަށް ކުޅެން ޖެހިފައިވާ އިރު، ސެމީގެ ދެ މެޗުވެސް ވަނީ ދިގުދެމިގެން ގޮސްފައެވެ. އޭގެ ތެރެއިންވެސް ނަތީޖާ ހާއްސަވީ ޖޮކޮވިޗަށެވެ. ކެރިއަރުގެ 20 ވަނަ އަހަރު ހޭދަކުރަމުންދާ ޖޮކޮވިޗް، ސެމީގައި ވާދަކުރަނީ މިދިޔަ އަހަރުވެސް އެންމެ ކާމިޔާބު އެއް ތަރި ޖެނިކް ސިނާއާ ދެކޮޅަށެވެ.
ސިނާއާއި އަލްކަރާޒްގެ ތަފާތު ވާދަވެރިކަމެއް މިދިޔަ އަހަރު ޓެނިހުގައި ފެނިގެން ގޮސްފައިވާ އިރު، އޭނާއަކީ މިހާރުވެސް ދުނިޔޭ ރޭންކިން ދެވަނައެވެ. ޖޮކޮވިޗްގެ އުމުރަށް ބެލުމުގެ އިތުރުން މިދިޔަ އަހަރުވެސް އޮސްޓްރޭލިއަން އޯޯޕަން ކާމިޔާބުކޮށްފައިވަނީ ސިނާ ކަމަށްވުމާއެކު، މެޗަށް ނުކުތް އިރު، ގިނަ ބައެއްގެ ފެވަރިޓަކީ ސިނާއެވެ. އެހެންނަމަވެސް ޖޮކޮވިޗް ފަހަތުން އަރައި މެޗު ގެންދިޔައީ 6-3، 3-6، 4-6، 6-4، 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ.
މީގެ ކުރިން 10 ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފައިވާ ޖޮކޮވިޗަކީ ރެކޯޑު 24 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެއް ނަމަވެސް، އޭނާ ރޭގެ ކުރިން އެންމެފަހުން ސިނާއާ ދެކޮޅަށް ކުޅުނު ފަސް މެޗުންވެސް އޮތީ ބަލިވެފައެވެ. އަދި މިއީ 2024 ވަނަ އަހަރު ވިމްބަލްޑަން ފައިނަލަށްފަހު ޖޮކޮވިޗް ގްރޭންޑް ސްލޭމެއްގެ ފައިނަލަށް ނުކުންނާނެ ފުރަތަމަ ފަހަރެވެ. އޭނާ މަސައްކަތް ކުރަނީ 2023 ވަނަ އަހަރު ޔޫއެސް އޯޕަންއަށްފަހު ފުރަތަމަ ބޮޑު ތަށި ހޯދުމަށެވެ.
ޖޮކޮވިޗް ވެގެންދާނީ އޮސްޓްރޭލިއަން އޯޕަން ތާރީހުގައި، ފައިނަލަކަށް ނުކުންނަ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.
އެ ތަށްޓަށް ވާދަކުރަން އަނެއްކޮޅުން ނުކުންނަ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ، އަލްކަރާޒް، 22، ސެމީ ފައިނަލުގައި އެލެކްސެންޑާ ޒްވްރޭވް ބަލިކުރީ ފަސް ގަޑިއިރާއި 27 މިނެޓުގެ މެޗަކަށްފަހުއެވެ. މެޗުގެ ސެޓުތައް ދިޔައީ 6-4، 7-6 (7-5)، 6-7 (3-7)، 6-7 (4-7)، 7-5 އިންނެވެ.
ޖޮކޮވިޗާއި އަލްކަރާޒް ވާދަކުރާ ފައިނަލް އޮންނާނީ އާދީއްތަ ދުވަހުއެވެ. އަންހެން ޑިވިޝަނުގެ ސިންގަލްސް ފައިނަލް މިއަދު އޮންނާނެއެވެ. އެ ފައިނަލުގައި ދުނިޔޭގެ އެއްވަނަ އަރީނާ ސަބަލެންކާ ނުކުންނާނީ ކުރިން ވިމްބަލްޑަން ކާމިޔާބުކޮށްފައިވާ އެލޭނާ ރީބަކީނާއާ ދެކޮޅަށެވެ.
ގްރޭންޑް ސްލޭމް (ޓެނިސް)
ގްރޭންޑް ސްލޭމް (ޓެނިސް)