ރޭ ކުޅުނު އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ނޯވަކް ޖޮކޮވިޗް ބަލިކޮށް، އުމުރުން 22 އަހަރުގައި ކާލޮސް އަލްކަރާޒް ގްރޭޑް ސްލޭމްގެ ހުރިހާ ތަށްޓެއް ހަމަކޮށްފިއެވެ.
ސްޕެއިންގެ ތަރި އަލްކަރާޒް ރޭގެ ފައިނަލުގައި ނުކުތީ އުމުރުން 38 އަހަރުގެ ނޯވަކް ޖޮކޮވިޗާ ދެކޮޅަށެވެ. ޖޮކިވިޗް މަސައްކަތް ކުރީ އޭނާގެ ގްރޭންޑް ސްލޭމް ރެކޯޑަށް 25 ވަނަ ތަށި ހަމަކުރުމަށެވެ. އަދި ޖޮކޮވިޗަކީ މިހާތަނަށް އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ.
އުމުރުން 22 އަހަރުގައި އަލްކަރާޒް ވެފައި ވަނީ ޓެނިހުގެ ގްރޭންޑް ސްލޭމް ހުރިހާ ތަށްޓެއް ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އެ ތާރީހީ ކާމިޔާބު އަލްކަރާޒް ހޯދީ 2-6، 6-2، 6-3 އަދި 7-5 އިން ސެޓުތައް ކާމިޔާބު ކޮށްގެންނެވެ.
އަލްކަރާޒަކީ އޮސްޓްރޭލިއަން އޯޕަން، ފްރެންޗް އޯޕަން، ވިމްބަލްޑަން އަދި ޔޫއެސް އޯޕަން ކާމިޔާބުކުރި ނުވަ ވަނަ ކުޅުންތެރިޔާއެވެ. އަދި އޭނާއަކީ 2016 ވަނަ އަހަރު ޖޮކޮވިޗް އެ ޝަރަފު ހޯދިފަހުން، މިދިޔަ ދުވަސްތަކުގައި އެކަން ކުރި ފުރަތަމަ ކުޅުންތެރިޔާވެސް މެއެވެ.
އަލްކަރާޒް ރޭ ހޯދި ކާމިޔާބީއާއެކު ޓެނިހުގެ ތާރީހުގައި އެންމެ ގިނަ ގްރޭންޑް ސްލޭމް ހޯދި ކުޅުންތެރިޔާއަށްވުމަށް ޖޮކޮވިޗް ކުރަމުންދާ މަސައްކަތުގައި އަނެއްކާވެސް ޖެހުނީ އިންތިޒާރެއް ކުރާށެވެ. އޭނާއަކީ ފިރިހެން އެންމެ ގިނަ ގްރޭންޑް ސްލޭމް ހޯދި ކުޅުންތެރިޔާއަށްވީ އިރު، އެ ޝަރަފު މީގެ ކުރިން ހޯދާފައި ވަނީ އަންހެން ކުޅުންތެރިއެއް ކަމަށްވާ މާގަރެޓް ކޯޓެވެ. އެ ދެކުޅުންތެރިންގެ ކެރިއަރުގައިވެސް މިހާތަނަށް ހޯދާފައި ވަނި 24 ގްރޭންޑް ސްލޭމް ތަށްޓެވެ.
އަަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ތަށި، ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް އަރީނާ ސަބަލެންކާ ބަލިކޮށް މިފަހަރު ހޯދީ އެލީނާ ރިބަކީނާއެވެ. ސަބަލެންކާ އަތުން ރިބަކީނާ މޮޅުވީ 6-4 4-6 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ.
މުޙައްމަދު ޝަމްޢޫން
ގްރޭންޑް ސްލޭމް (ޓެނިސް)
ގްރޭންޑް ސްލޭމް (ޓެނިސް)