ފުލުހުންގެ ވަޒިފާއިން ވަކިކުރި ޝިޔާމަށް ވަޒީފާ އާއި މުސާރަ އާއި އިނާޔަތްތައް ދޭން ހައިކޯޓުން ކުރި ހުކުމްގެ، މުސާރަ އާއި އިނާޔަތްތަކުގެ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
މި މައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ހުއްޓާ އަހުމަދު ޝިޔާމް، ވަޒީފާއިން ވަކިކުރި މައްސަލައެކެވެ.
ޝިޔާމް ވަޒީފާއިން ވަކިކުރީ ނޯތު ސެންޓަރަލް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށް، ގާނޫނާއި ގަވައިދާ ހިލާފު އަމަލުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑިސިޕްލިނަރީ ބޯޑަށް އެ މައްސަލަ ހުށަހެޅުމުން، ވަޒީފާއިން ސަސްޕެންޑް ކުރުމަށްފަހުއެވެ.
އެ މައްސަލަޔާ ގުޅިގެން، އޭނާ ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާން ޖެހޭ އިޖުރާއާތުތަކާއި އުސޫލުތަކާއި އަދި ގަވައިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަނބުރާ ނުކުތުމާ ހަމަޔަށް ލިބޭން ޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 2019 ގެ މެއި މަހުގެ ނިޔަލަށް ލިބޭން ޖެހޭ 1.4 މިލިޔަނަށްވުރެ ގިނަ ފައިސާ ހޯދުމަށް އެދި ޝިޔާމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ސިވިލް ކޯޓުން މި މައްސަލަ ބަލައި 2019 ވަނަ އަހަރު ހުކުމް ކުރީ، ފުލުހުންގެ ވަޒީފާއިން ޝިޔާމް ވަކިކޮށްފައި ވަނީ ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ ހަ މާއްދާއަކާ ހިލާފު އަމަލުތަކެއް ކޮށްފައިވާ ކަމަށް އިދާރީ މިންގަނޑުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ސާބިތުވެގެން، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބުދިނުމާބެހޭ ގަވާއިދުގެ ދަށުންކަން، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ޝިޔާމް އެދިފައިވާ ގޮތަށް، މޯލްޑިވްސް ޕޮލިސް ސާވިސްގައި ޝިޔާމް އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ އިޔާދަ ކޮށްދިނުމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ދިނުމަށް، މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަންގައި އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ.
މި ހުކުމާ މެދު ހިތްހަމަނުޖެހިން ޝިޔާމުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލަ ބެލުމަށްފަހު މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ހައިކޯޓުން ހުކުމްކުރީ، ސިވިލްކޯޓުން ކުރި ހުކުމް ބާތިލް ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާއިން ޝިޔާމް ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި، ޝިޔާމަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއަށް އަނބުރާ ނިކުތުމާ ހަމައަށް އޭނާއަށް ލިބޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަންގާ ކަމަށްވެސް ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު