އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލިގެން ހޯދަމުންދިޔަ ހަތަރު ޑައިވަރުންގެ ތެރެއިން ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ވެސް ނަގައިފިއެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ އެ ދުވަހު ހޯދައި ނަގައިފައެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އިޓަލީއަށް ފޮނުވައިފައެވެ.

ބާކީ ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑު އޮތްތަން ދެނެގަނެ، އޭގެތެރެއިން ދެ މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ ނަގައި މާލެ ގެނެސްފައެވެ. އެ ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ ހޮހަޅައިގެ ތިންވަނަ ޗެމްބަރުގެ ތެރެއިން، ގާތްގަނޑަކަށް 200 ފޫޓު އަޑިންނެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) "ވަން" އަށް މިއަދު ވިދާޅުވީ، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑުތައް ވެސް މިހާރު ނަގާފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ އެންމެ އަޑިން 30 މީޓަރާ ހަމައަށް ހަށިގަނޑުތައް ނެގީ ފިންލެންޑުގެ ޑައިވަރުންގެ ޓީމުން ކަމަށާއި 30 މީޓަރުން ހަތް މީޓަރަށް ނެގީ އެމްއެންޑީއެފުން ކަމަށެވެ. އަދި ހަތް މީޓަރުން ފެށިގެން ލޯންޗާ ހަމައަށް ހަށިގަނޑުތައް ނެގީ ފުލުހުން ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

އެމީހުންގެ ހަށިގަނޑުތައް ނަގައި މިހާރު މާލެ ގެނެސް މޯޗަރީއަށް ލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އިއްޔެ ނަގާފައިވަނީ މޮނިކާ މޮންޓެފަލްކޯން އާއި ފެޑެރިކޯ ގުއަލްޓިއޭރީގެ ހަށިގަނޑު ކަމަށެވެ. އަދި މިއަދު ނަގާފައިވަނީ ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ކަމަށެވެ. އަދި ފުލުހުންގެ އެމީހުންގެ އައިޑެންޓިފިކޭޝަންސް އިއްޔެ ހަދާފައިވާ ކަމަށާއި ތަހުގީގަށް ހަށިގަނޑުތައް އިތުރަށް ތަހުލީލު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އެމީހުންގެ ހަށިގަނޑުތައް ފޮނުވުމުގެ މަސައްކަތް އިޓަލީ ސަރުކާރާއެކު ކުރެވެމުން އަންނަ ކަމަށެވެ. އަދި ހަ ދުވަހަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަން މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދައި އެމީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރީ ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެންނެވެ.

މި ހާދިސާގައި މަރުވި މީހުން:

  • މޮނިކާ މޮންޓެފަލްކޯން، 51
  • ޖޯޖިއާ ސޮމާކަލް، 20
  • ގިއަންލޫކާ ބެނެޑެޓީ، 41
  • ފެޑެރިކޯ ގުއަލްޓިއޭރީ، 31
  • މިއުރިއަލް އޮޑެނީނޯ، 31

ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ އޮފިސަރަކު ވެސް ހޮނިހިރު ދުވަހު ވަނީ ޑީކޯވެގެން މަރުވެފައެވެ.