އައިސިސް މީހެއްކަމަށްބުނެ، ދިރާގު ގޮއްވާލާނެކަމަށް އިންޒާރުދިން މީހަކު ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށްލުމަށް ހުކުމް ކުރީ، ގއ. ގެމަނަފުށި ރަންކޮކާގެ ނަދީފް މުހައްމަދުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، އާއްމު ތަނެއްގައި ހުރި މީހަކު އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫ ވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަގުސަދު ހާސިލު ނުވާނެ އަމަލަކުން މީހުން ބިރުގަންނަފަދަ، ހާލަތެއް އުފެއްދުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް މި ދައުވާކުރީ 17 ޖުލައި 2022 ވަނަދުވަހުގެ ހަވީރުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ދިރާގު ފިހާރައަށް ވަދެ އެ ފިހާރައިގެ ތެރޭގައި އަޑުގަދަކޮށް އޭނާއަކީ އައިސިސް ޖަމާއަތަށް ނިސްބަތްވާ މީހެއްކަމަށާއި، ބޮން ގޮއްވުން ފަދަ ކަންކަންވެސް ކުރާމީހެއް ކަމަށާއި، ދިރާގުވެސް ގޮއްވާލާނެކަމަށް ބުނެ ބިރުދައްކާފައިވާ މައްސަލައިގައިގައެވެ.
މި މައްސަލައިގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ އޭނާ ޖަލަށްލާން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ އެއްމަހާއި 24 ދުވަހުގެ މުއްދަތަށެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް