އެމެރިކާގެ ބޯއިން ކުންފުނިން 200 މަތިންދާބޯޓު ގަތުމަށާއި، ދެ ގައުމުގެ ދެމެދުގައި ނަގަމުންދާ ޓެރިފް ކުޑަކުރަން އެމެރިކާއާއެކު އެއްބަސްވުމަކަށް އައިސްފައިވާކަން ޗައިނާއިން މިއަދު ބުނެފިއެވެ. ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން ނެރުނު ބަޔާނެއްގައި މިހެން ބުނެފައިވާއިރު، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ޗައިނާގެ ވެރިރަށް ބެއިޖިންގއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ އެކު ކުރެއްވި މަޝްވަރާތަކަށްފަހު ނިންމި ނިންމުމެކެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނި ގޮތުގައި، ބޯއިން ކުންފުނިން ގަންނަ 200 ބޯޓުގެ އިތުރުން، އެ ބޯޓުތަކަށް ބޭނުންވާ އިންޖީނާއި އެހެނިހެން ބައިތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ޔަގީންކަން އެމެރިކާއިން ވަނީ ދީފައެވެ. ރައީސް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޗައިނާއިން ގަންނަ ބޯޓުގެ އަދަދު ކުރިއަށް އޮތް ތަނުގައި 750 އަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ޗައިނާއިން އެމެރިކާގެ އޭވިއޭޝަން ސިނާއަތާއެކު ހެދި އެންމެ ބޮޑު އެއްބަސްވުމެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ ތެރެއިން 30 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ކުޑަކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައި ކަމަށް ހަބަރުތައް ބުނެއެވެ. މީގެ ކުރިން މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ދެ ގައުމުން ވެފައިވާ ޓެރިފް އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ވެސް ޗައިނާއިން ވަނީ ހުށަހަޅައިފައެވެ. މި އެއްބަސްވުމުގެ ދަށުން، އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ޗައިނާއަށް އެތެރެކުރުމަށް ހުރި ހުރަސްތައް ނައްތާލައި، އެތައް ބިލިއަން ޑޮލަރެއްގެ މުދާ ގަތުމަށް ވެސް ޗައިނާއިން ވަނީ ނިންމާފައެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދުގެ ދެމެދުގައި އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަން ކުޑަވެ، ދަނޑުވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އެމެރިކާގެ އިގުތިސޯދަށާއި ވަޒީފާގެ ބާޒާރަށް ވެސް އޭގެ ހެޔޮ އަސަރުކުރާނެ ކަމެއް ކަމަށް ރޮއިޓާސް ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ