މާލޭގެ މާރުކޭޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ 117 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ނުގެންދެވި ލަސްވަނީ، ބިން ހަވާލުކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް މާލޭ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭތީކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމަށްޓަކައި ޓްރަސްޓެންގް މޯލްޑިވްސްއާ ހަވާލުކޮށް، މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ އާއި އިދާރީ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވީ ނަމަވެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުނުކުރުން ކަމަށެވެ.
ބިން ހޯދުމަށް މާޗު މަހުން ފެށިގެން މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ސިޓީ ކައުންސިލުގައި އެދިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މާޗު 29، އޭޕްރީލް 12، މެއި 3 އަދި މެއި 18 ގައި ސިޓީ ފޮނުވާފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
ކައުންސިލުން އެންމެ ފަހުން ދިން ޖަވާބުގައި ބުނެފައިވަނީ ބިން ހަވާލުކުރުމުގެ ކުރިން މޭޔަރު އާދަމް އާޒިމް، މިނިސްޓަރާ ބައްދަލުކުރައްވަން ބޭނުންވާ ކަމަށެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 117 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ. އެ އިމާރާތް ނިމޭއިރު ހަ ބުރީގައި ޖުމްލަ 85,000 އަކަފުޓުގެ ޖާގަ ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބޭސްމަންޓް ޕާކިންއާއި، ތަޅުމުގައި މަސް މާރުކޭޓު އަދި ތިން ފްލޯއެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ މާރުކޭޓެއް ހުންނާނެއެވެ.
މީގެ އިތުރުން ޓެރަސްގައި ފުޑް ކޯޓެއް ހެދުމާއި، ފަސް ލިފްޓާއި ފަސް ޓަނުގެ އައިސް މެޝިނެއް ބެހެއްޓުމަށް ވެސް ވަނީ ރޭވިފައެވެ.
މިނިސްޓްރީން ބުނީ މިއީ މާލޭގެ ރައްޔިތުންނަށް ނުހަނު މުހިންމު މަޝްރޫއެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ވީއެންމެ އަވަހަކަށް މި މަސައްކަތް ފަށައި ނިންމާލުން ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ފައިސާ އަނބުރާ ދައްކަން ހަމަޖެހިފައިވަނީ 50 މަސް ދުވަހަށް ބަހާލައިގެންނެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް