އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލިގެން ހޯދަމުން ދާ އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފިއެވެ.
ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނީ ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެންނެވެ.
އެމްއެންޑީއެފްއިން އިއްޔެ ވަނީ އެ އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށް ބުނެފައެވެ. އެ ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ހޮހަޅައިގެ ތެރެއިން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގާފައިވާ ކަމަށެވެ. ނަގާފައިވަނީ ފިރިހެނަކާއި އަންހެނެއް ކަމަށާއި އެމީހުންގެ ހަށިގަނޑުތައް މާލެ ގެނެސްފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ އެންމެ އަޑިން 30 މީޓަރާ ހަމައަށް ހަށިގަނޑުތައް ނެގީ ފިންލެންޑުގެ ޑައިވަރުންގެ ޓީމުން ކަމަށާއި 30 މީޓަރުން ހަތް މީޓަކަށް ނެގީ އެމްއެންޑީއެފުން ކަމަށެވެ. އަދި ހަތް މީޓަރުން ފެށިގެން ލޯންޗާ ހަމައަށް ހަށިގަނޑުތައް ނެގީ ފުލުހުން ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ އޮފިސަރަކު ހޮނިހިރު ދުވަހު ވަނީ ޑީކޯވެގެން މަރުވެފައެވެ. އެއާއެކު ގެއްލުނު ޑައިވަރުން ހޯދަން ފެށި އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލިއެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށައިފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިން އަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.
އަލީ ޔާމިން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް