އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް އާސެނަލުން ކުރަމުންދާ މަސައްކަތުގައި އިތުރު ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.
އާސެނަލުން އެންމެފަހުން ލީގު ތަށި ހޯދާފައި ވަނީ 2003-04 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭގެފަހުން ތަށި ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މިދިޔަ ދެ ސީޒަނުގައިވެސް ދިޔައީ ރަނގަޅު ވާދައެއް ކުރަމުންނެވެ. މި ސީޒަނުގެ ބޮޑުބައެއްގައިވެސް އާސެނަލުން ލީގު ރޭސް ކޮންޓްރޯލް ކުރަމުން ގޮސްފައިވީ ނަމަވެސް، މެންޗެސްޓާ ސިޓީއަށް ވަނީ މިދިޔަ މަހު ފައިދާ ނަގަން ޖާގަ ލިބިފައެވެ. އެހެން ނަމަވެސް އަނެއްކާވެސް އާސެނަލުން ކޮންޓްރޯލް ހޯދައި، މިހާރު ވަނީ އަމިއްލަ ބާރުގައި ލީގު ނަގަން ފުރުސަތު ފަހިކޮށްފައެވެ.
ރޭ އަމިއްލަ ދަނޑުގައި، އާސެނަލުން ރެލިގޭޓްވެފައި އޮތް ބާންލީ ބަލިކުރީ 1-0 އިންނެވެ.
އާސެނަލަށް ލީގުގައި ބާކީ އެންމެ މެޗެއް އޮތް އިރު، އެޓީމުން އެއްވަނައިގައި އޮތީ 37 މެޗުން 82 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ސިޓީ، މެޗެއް މަދުން ކުޅެ، 77 ޕޮއިންޓާއެކު އޮތް އިރު، މިރޭ ސިޓީން ބޯންމައުތު ކައިރިން ޕޮއިންޓް ގެއްލުވާލިޔަސް އާސެނަލަށް ލީގު ލިބޭނެއެވެ. އަދި އާސެނަލަށް ފަހުމެޗުގައި ކްރިސްޓަލް ޕެލެސް ބަލިކޮށްގެންވެސް ތަށި ނަގަން ފުރުސަތު އެބައޮތެވެ.
މެޗުގެ ފުރަތަމަ ކަށިގަނޑާއެކުވެސް މެޗަށް އޮތް ޕްރެޝަރު ފެނިގެން ދިޔައެވެ. ކުރީކޮޅުގައި ހަމަލާތައް މަދުވުމުން އެކަމުގެ މާޔޫސްކަން އާސެނަލް ސަޕޯޓަރުން ފަރާތުން ފެނިގެން ގޮސްފައިވެއެވެ.
ކުރީކޮޅުގައި ލެއާންޑްރޯ ޓްރޮސާޑްގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، އާސެނަލް ގޯލް ޖެހީ 37 ވަނަ މިނެޓުގައި ކޯނަރަކުންނެވެ. ބުކަޔޯ ސަކާ ނަގައިދިން ކޯނަރު ގޯލަށް ވައްދާލީ ކައި ހަވާޓްސްއެވެ.
ދެވަނަ ހާފުގައިވެސް އެންމެންގެ ސަމާލުކަން ހުއްޓުނީ ހަވާޓްސްއަށެވެ. އޭނާ، ލެސްލޭ އުގޮޗޮކުވޫ ފަޔަށް ކުރި ޓެކުލަކީ ރަތް ކާޑެއްތޯ ބަލަން ވީއޭއާރް ރިވިއުކުރި ނަމަވެސް، ރެފްރީ ރީނދޫ ކާޑެއް ދައްކަން ނިންމި ނިންމުން ދެމެހެއްޓިއެވެ.
އޭގެފަހުން އެބެރެޗީ އެޒޭގެ ހަމަލާއެއް ހުރަސް ދަނޑިއަށް އަމާޒުވި އިރު، އާސެނަލުން ވަނީ ބާންލީ ފަހުވަގުތު ކުރި ޕްރެޝަރުން ސަލާމަތްވެފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު