ކުޅިވަރު

ގްރީޒްމަންގެ ދެ ގޯލާއެކު ފަސް މެޗަށްފަހު ފްރާންސަށް މޮޅެއް

އެތުލެޓިކޯ މެޑްރިޑުގެ ފޯވަޑް އެންޓޮއިން ގްރީޒްމަން ޖެހި ދެ ގޯލާއެކު ފްރާންސުން ފަސް މެޗަށްފަހު ފުރަތަމަ މޮޅު ހޯދައިފިއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗު ފްރާންސުން 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، ދުނިޔޭގެ ޗެމްޕިއަނުންގެ ފޯމް ފަހަކަށް އައިސް ފެނިފައިވަނީ ދަށް ކޮށެވެ. ޔޫރޯ 2020ގެ ގުރޫޕު ސްޓޭޖުގައި ހަންގޭރީއާއި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމިފައިވާ އިރު، ގަދަ 16 އިން ފްރާންސް ކެޓީ ސްވިޒަލޭންޑް އަތުން ބަލިވެގެންނެވެ.

އޭގެ ފަހުން މި ބްރޭކުގައި ކުޅުނު ކޮލިފިކޭޝަން ދެ މެޗު ކަމަށްވާ ބޮސްނިއާ މެޗާއި ޔޫކްރެއިން މެޗުންވެސް ފްރާންސްވީ އެއްވަރެވެ. ދަށް ފޯމެއްގައި އޮވެ ރޭގެ މެޗަށް ފްރާންސުން ނުކުތީ މޮޅަކަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮވެގެންނެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ގްރީޒްމަންގެ ފުރަތަމަ ގޯލު އޭނާ ޖެހީ ހިތްގައިމު ކުޅުމަކަށްފަހުއެވެ. ދެވަނަ ހާފަށް ނުކުމެ ގްރީޒްމަންގެ ގޯލުން ފްރާންސް ލީޑު ފުޅާވެސް ކޮށްފައިވާ އިރު، އެ ގޯލަކީ އެންމެފަހުން ފްރާންސަށް ކުޅުނު ތިން މެޗުގައި ގްރީޒްމަން ޖެހި ތިންވަނަ ގޯލެވެ.

ފްރާންސް މިވަގުތު އޮތީ ކޮލިފިކޭޝަން ގުރޫޕު ޑީގެ އެއްވަނައިގައެވެ. އެއީ ހަ މެޗުން 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޔޫކްރެއިން އަށް ލިބިފައި ވަނީ ފްރާންސަށްވުރެ ހަތް ޕޮއިންޓް މަދުންނެވެ.

ރޭ ޕޯޗުގަލް އިން ކުޅުނު ކޮލިފިކޭޝަން މެޗުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައިނުވާ އިރު، ޕޯޗުގަލް އިން ވަނީ 3-0 އިން އަޒަރުބައިޖާން ބަލިކޮށްފައެވެ. އެ މެޗުގައި ބާނާޑޯ ސިލްވާ ދެ ގޯލު ޖަހައިފައިވާ އިރު، ދެން ގޯލު ޖެހީ އަންދްރޭ ސިލްވާއެވެ.