ބާސެލޯނާ އަދި ފްރާންސް ގައުމީ ޓީމުގެ ތަރި، އެންޓޮއިން ގްރީޒްމަން، ޗައިނާގެ ޓެކްނޮލީ ކުންފުނި ވާވޭއާއެކު ވެފައިވާ ސްޕޮންސާޝިޕް އެއްބަސްވުން ބާތިލު ކޮށްފިއެވެ.

ގްރީޒަމްން އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ ޗައިނާގެ ޒިންޖިއާން ޕްރޮވިންސްގެ އުއިގާ މުސްލިމުގެ ކަންކަން ނުހައްގުން ބެލުމަށް ވާވޭގެ އެހީގައި ސަރުކާރުގެ އިދާރާތަކުން ސިއްރު އޮޕަރޭޝަންތަކެއް ހިންގާފައިވާކަން ފަޅާއެރުމާ ގުޅިގެންނެވެ. ގްރީޒްމަން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އުއިގާ މުސްލިމުންނަށް ފާރަލުމަށް އިންސާނީ އިމުގެ ބޭރުން ވާވޭ މަސައްކަތް ކޮށްފައިވާކަން އެނގިފައިވާ ކަމަށާއި، އިއްޔެއިން ފެށިން ކްލަބުގެ ބްރޭންޑް އެމްބެސަޑަރު ކަމުން ވަކިވާން ނިންމާފައިވާ ކަމަށެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި އުއިގާސް އެލާޓް ނަމަކަށް ކިޔާ ސަވައިލެންސް ސިސްޓަމެއް ވާވޭއިން ވަނީ ގާއިމް ކޮށްފައެވެ. އެ ސިސްޓަމްގެ އެހީގައި އުއިގާގެ ހުރިހާ މުސްލިމުންގެ ދަތުރުފަތުރާއި ފޭސަލް ރެކޮގްނިޝަން ދެނެގަނެވޭއެވެ. އެގޮތުން އދ ގެ ސާވައިލަންސް ރީސާޗް ޓީމެއް ކަމަށްވާ އައިޕީވީއެމްއިން ވަނީ ވާވޭގެ އެ މަސައްކަތް ކުރަމުން އަންނަ ކަން ޔަގީންކޮށްދީ، އެކަމަށް ހެދި ޓެސްޓަކުގެ ޑާޓާތައްވެސް އާންމުކޮށްފައެވެ.

ގްރީޒަމަން ބުނެފައި ވަނީ އޭނާ ވާވޭއަށް ގޮވާލަނީ ވީ އެންމެ އަވަހަކަށް އެކަންކަން ހުއްޓުމަށް ކަމަށާއި، ޗައިނާގައި ހިނގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކުރުމުގައި ކުރީ ސަފަށް ނުކުތުމަށް ކަމަށެވެ.

އދ އިން އަންދާޒާ ކޮށްފައިވާ ގޮތުގައި އުއިގާގައި ދިރިއުޅެމުން އަންނަ މިލިއަނެއްހާ ޓާކިކް މުސްލިމުން ނުހައްގުން ބަންދުކޮށް، މިހާރުވެސް ދަނީ އަދަބު ދެމުންނެވެ. އެކަމާ ދެކޮޅަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންވެސް ވަނީ ވަރުގަދަ ބަޔާންތައް ނެރެފައެވެ. ކޭމްޕްތަކުގައި ބަންދުކޮށްފައިވާ މުސްލިމުންނަށް ޗައިނާގެ ސިފައިންގެ އަނިޔާ ލިބެމުންދާ ކަމަށް އެތައް ނޫހެއްގައި ރެކޯޑު ކޮށްފައިވާއިރު، ފެނާއި ކާބޯތަކެތި ދަތިކޮށް ދީން ބަދަލުކުރަން ބިރު ދައްކާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން އާސެނަލްގެ ތަރި މެސުޓް އޮޒިލް ފަދަ މުސްލިމް ކުޅުންތެރިންވެސް ޗައިނާގެ އުއިގާ މުސްލިމުންގެ ދިފާއުގައި ނުކުމެފައިވާއިރު، އެކަމުގެ ސަބަބުން އޮޒިލްއަށް ވަނީ އަދަބުތަކެއް ލިބިފައެވެ. ހާއްސަކޮށް އޭނާއަށް އާސެނަލް ސްކޮޑުން ޖާގަ ގެއްލުނީ އެފަދަ ސިޔާސީ މައްސަލަތަކެއްގެ ތެރެއިން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ގްރީޒްމަންގެ ނިންމުމާއެކު އޭނާއަށް ވަރަށް ބޮޑަށް މުސްލިމް ޖަމާއަތްތަކުގެ ތައުރީފު އަމާޒުވެފައިވެފައިވާއިރު، އުއިގާގައި ހަރަކާތްތެރިވާ މުސްލިމް އެކްޓިވިސްޓުންވެސް ބުނެފައި ވަނީ ގްރީޒްމަންގެ ނިންމުމަށް އިހުތިރާމް ކުރާ ކަމަށެވެ.

އުމުރުން 29 އަހަރުގެ ގްރީޒްމަންއަކީ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. 2018 ވަނަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕްވެސް ނެގި ގްރީޒްމަން އަކީ 2017 ވަނަ އަހަރުން ފެށިގެން ޗައިނާގެ އެންމެ ބޮޑު ޓެކް ކޮމްޕެނީ ވާވާގެ ބްރޭންޑް އެމްބެސެޑަރެވެ.