ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރުމަށް ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުން އޮޕަރޭޝަން ފަށައިފިއެވެ.

އިޓަލީ ސަރުކާރުން ފޮނުވި ފިންލޭންޑްގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމު ރާއްޖެ އައީ އިއްޔެއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) "ވަން" އަށް މިއަދު ވިދާޅުވީ، އެ ޓީމު މިއަދު ޑައިވް ފެށި ނަމަވެސް މިހާރު ކުރަނީ، އޮރިއަންޓޭޝަން ނުވަތަ އެ ސަރަހައްދު ދެނެގަތުމުގެ ޑައިވްތަކެއް ކަމަށެވެ.

މުންދު ވިދާޅުވީ، ފިންލެންޑުގެ ޓީމުން އައީ އޮޕަރޭޝަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކޮށްގެން ކަމަށާއި އެގޮތުން، ފުރަތަމަ އެ ސަރަހައްދު ދެނެގަތުމުގެ ޑައިވްތަކެއް މިހާރު ފަށާފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ ފުނަށް ޑައިވްކޮށް، ހޮހަޅަތެރެއަށް ދިއުމަށް އެ ޓީމުން ނިންމާނީ ތަޖުރިބާގެ ޑައިވްތަކަށްފަހު ކަމަށެވެ.

މުންދު އިތުރަށް ވިދާޅުވީ ފިންލެންޑުގެ ޑައިވަރުންގެ ޓީމަށް ދިވެހި ދެ ކުންފުންޏަކުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި އެ ޓީމު ރާއްޖެ އައީ މިފަދަ މިޝަންތަކުގައި ބޭނުންވާނެ ޒަމާނީ ގިއަރުތައް ހިފައިގެން ކަމަށެވެ.

ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ އޮފިސަރަކު ހޮނިހިރު ދުވަހު ވަނީ ޑީކޯވެގެން މަރުވެފައެވެ. އެއާއެކު ގެއްލުނު ޑައިވަރުން ހޯދަން ފެށި އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލިއެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށައިފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިން އަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.