އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްވިޑަނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ބޭރު ގައުމުތަކުގެ އިސްވެރިންނަށް ސްވިޑަނުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ 'ރޯޔަލް އޯޑަރ އޮފް ދަ ޕޯލަރ ސްޓަރ، ކޮމާންޑަރ ގްރޭންޑް ކްރޮސް' އެމަނިކުފާނަށް އަރުވައިފިއެވެ. ސްވިޑަންގެ ގޮތެންބާގްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯދީއަށް މި ޝަރަފު އެރުވީ އެ ގައުމުގެ ކްރައުން ޕްރިންސެސް ވިކްޓޯރިއާއެވެ. މިއީ އިންޑިއާއާއި ސްވިޑަންގެ ގުޅުން ބަދަހިކުރެއްވުމަށް މޯދީ ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި ޝަރަފެކެވެ. މިއާއެކު، މިއީ ބައިނަލްއަގުވާމީ މައިދާނުގައި މޯދީއަށް ލިބިވަޑައިގެންނެވި 31 ވަނަ ޝަރަފެވެ.

މި ދަތުރުފުޅުގެ ތެރެއިން މޯދީ ވަނީ ސްވިޑަންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރސަންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އިއާދަކުރަނިވި ހަކަތަ، ވިޔަފާރީގެ އެއްބަސްވުންތައް އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށެވެ. މި ބައްދަލުވުންތަކުގެ ނަތީޖާއެއްގެ ގޮތުން، ދެ ގައުމުގެ ގުޅުން ސްޓްރެޓީޖިކް ޕާޓްނަރޝިޕަކަށް ބަދަލުކޮށް، 2026 އިން 2030 އަށް އެކުލަވާލި ޖޮއިންޓް އެކްޝަން ޕްލޭނެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން 'އިންޑިއާ-ސްވިޑަން ޓެކްނޮލޮޖީ އެންޑް އާޓިފިޝަލް އިންޓެލިޖެންސް ކޮރިޑޯ' ތަރައްގީކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން ހާމަކުރި ގޮތުގައި، މި ދަތުރުފުޅަކީ ދެ ގައުމުގެ އިގުތިސާދީ އަދި ސްޓްރެޓީޖިކް ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ސްވިޑަންގެ ސަރުކާރުގެ އޮފިޝަލުންވެސް ވަނީ އިންޑިއާއާއެކު އޮންނަ ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޔޫރަޕާއި އިންޑިއާގެ އިގުތިސާދީ ގުޅުން އިތުރަށް ފުޅާކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަގު ވަނީ 7.75 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މޯދީގެ މި ދަތުރުފުޅަކީ ޔޫރަޕްގެ ފަސް ގައުމަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތިންވަނަ މަންޒިލެވެ.