އިރާނުން ވޯލްޑް ކަޕް 2026 ގެ ވޯލްޑް ކަޕަށް އިއުލާނުކުރި ޕްލިމިނަރީ ސްކޮޑުގައި އެގައުމު ދުށް އެންމެ ބޮޑު އެއް ފޯވަޑް، ސަރުދާރު އަޒްމޫނަށް ފުރުސަތު ނުދޭން ކޯޗު އާމިރް ގަލެނޯއީ ނިންމައިފިއެވެ.

ކުރިން އޭސީ މިލާނާއި ބަޔާން ލެވަކޫސަންއަށް ކުޅުމަށްފަހު، މިހާރު އެކުވެރި އަރަބި އިމާރާތުގެ ޝަބާބް އަލް-އަހްލީއަށް ކުޅެމުންދާ އަޒްމޫނަށް ސްކޮޑުން ޖާގަ ނުދިން ސަބަބު ކޯޗު ގަލެނޯއީ ހާމަކޮށްފައެއް ނުވެއެވެ. ހަބަރުތައް ބުނެފައި ވަނީ ގައުމީ ޓީމަށް 91 މެޗުން 57 ގޯލް ޖަހައިދީފައިވާ އަޒްމޫން ސްކޮޑަށް ނުނެގީ އަނިޔާގެ ސަބަބުން ކަމަށެވެ.

މިދިޔަ މާޗް މަހު އިރާނުން ކުޅުނު މެޗުތަކުގެ ސްކޮޑަށްވެސް އަޒްމޫން ނަގާފައިނުވާ އިރު، އެފަހަރު ބައެއް ހުޅަނގުގެ މީޑިއާތަކުން ބުނެފައި ވަނީ ސަރުކާރަށް ބޭވަފާތެރިވިަކަމަށް ބުނެ އިރާނުން އޭނާ ގައުމީ ޓީމުން ބޭރު ކުރި ކަމަށެވެ.

އަޒްމޫން، ޑުބާއީގެ ވެރިޔާ، މުހައްމަދު ބިން ރާޝިދު އަލް މަހްތޫމާއެކު މާޗު މަހު އިންސްޓާގްރާމް ކުރި ފޮޓޯއެއްގެ މައްސަލައިގައި އެކަން ދިމާވި ކަމަށް ބައެއް ނޫސްތަކުން ބުނި ނަމަވެސް، އެއީ އެއްވެސް ޔަގީންކަމެއް ހުރި ވާހަކައެއް ނޫނެވެ. އަދި މިފަހަރު ސްކޮޑުން ބާކީ ކުރި ސީދާ ސަބަބެއްވެސް ނޭނގެއެވެ.

އަޒްމޫން މީގެ ކުރިން 2018 ވަނަ އަހަރު، އުމުރުން 23 އަހަރުގައި ގައުމީ ޓީމުން ދުރަށްވެސް ގޮސްފައިވެއެވެ. އެއީ އޮންލައިންކޮށް ދިމާކުރުންތަށް ގިނަވެގެން ކަމަށް ބުނެއެވެ. އެހެންނަމަވެސް ފަހުން ވަނީ އެނބުރި ޓީމަށް ގޮސްފައެވެ.

އިރާނުން މިފަހަރުގެ ވޯލްޑް ކަޕް ނުކުޅެން ކުރިން ނިންމާފައިވެއެވެ. އެއީ ފެބްރުއަރީ މަސް ތެރޭގައި އެމެރިކާއާއި އިޒްރޭލް އެކުވެގެން، އެދެގައުމުގެ އިސް ނެގުމާއެކު އިރާނާ ދެކޮޅަށް ހަނގުރާމަ ފަށާއި، އެގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީ އަވަހާރަ ކޮށްލުމުގެ އިތުރުން އެތައް ކުދިންނެއް ޝަހީދުކޮށްލައި، ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ.

އެމެރިކާގައި މެޗުތައް ކުޅެން ޖެހުމުން އިރާނުގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އިރު، އެގައުމުން ދަނީ ފީފާއާއެކު އެކަންކަން ހައްލުކުރަން މަސައްކަތް ކުރަމުންނެވެ. އިރާނުން އެމެރިކާއަކީ ހޯސްޓެއް ކަމަށް ނުބަލައި، ފީފާ މެދުވެރިވެގެން ވިސާ ކަންތަކުގައިވެސް މަސައްކަތް ކުރަމުން ދަނީ ޑިމާންޑްތަކެއް ކުރުމަށްފަހުއެވެ.

އިރާން ވޯލްޑް ކަޕްގައި ކުޅޭނެކަމުގެ ޔަގީންކަން ފީފާ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވާފައިވާ އިރު، އިރާން މިހާރު ކޭމްޕް ކޮށްގެން ތިބީ ތުރުކީގައެވެ. ފީފާގެ ޖެނެރަލް ސެކްރެޓަރީ މަޓިއަސް ގްރެފްސްޓްރޯމާއި އިރާނުގެ ފުޓުބޯޅަ އިދާރާގެ ރައީސް މެހްދީ ތާޖްވެސް އިއްޔެ ވަނީ ތުރުކީގައި ބައްދަލު ކޮށްފައެވެ.