ކުރިއަށް އޮތް ވޯލްޑް ކަޕަށް ޕޯޗުގަލްއިން ތައްޔާރުވާ އިރު، އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަކިން ހާއްސަ ގޮތަކަށް ނުވިސްނާނެ ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިފަހަރު ތައްޔާރުވަމުން ދަނީ ކެރިއަރުގައި ހަވަނަ ވޯލްޑް ކަޕެއްގައި ވާދަކުރުމަށެވެ. އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި އޮންނަ ވޯލްޑް ކަޕަށް މަހަކަށްވުރެ ކުޑަ ދުވަސްކޮޅަކަށްވެފައިވާ އިރު، ރޮނާލްޑޯ މިވަގުތު ކުޅެމުން ދަނީ ސައުދީ ލީގުގެ އަލް ނަސްރަށެވެ. އެ ކްލަބާއެކު ގޯލް ޖެހުމުގެ ފޯމު އަދިވެސް ދަނީ ކުރިއަށެވެ.

ރޮނާލްޑޯއަކީ ދުނިޔޭގެ ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އެއީ 143 ގޯލާއެކުގައެވެ. މާޓިނޭޒް ބުނީ ރޮނާލްޑޯއަކީ އެގައުމުގެ އައިކަންއެއް ނަމަވެސް، ވޯލްޑް ކަޕަށް ބަލާނީ އެހެން ކުޅުންތެރިންނަށްވެސް ބަލާނެ މިންގަނޑު ތަކުން ކަމަށެވެ.

"އަހަރެމެން މިހާރު ބަލަނީ ކުރީގެ އައިކާނިކް ވިންގް ކުޅުންތެރިޔާ ރޮނާލްޑޯއަކަށް ނޫން. އޭނާ މެނޭޖް ކުރާނީވެސް ލީތަލް ފޯވަޑެއްގެ ގޮތުގައި. އުމުރަކީ ހަމައެކަނި ނަމްބަރެއް އެއަކަށް ނުބަލާނަން. ދެން އަނެއް ވާހަކައަކީ ގައުމީ ޓީމަށް ކުޅޭނެ ކުޅުންތެރިން ނިންމާނީ ތަމްރީނުތަކާއި މެޗުތަކުގެ ފޯމުން. އެކަމަށް ވަކި ކުޅުންތެރިޔަކަށް ތަފާތުކޮށް ނުބަލާނަން. ފުރަތަމަ 11 ގައި ހިމަނަން މަޖުބޫރު އެއްވެސް ކުޅުންތެރިޔަކު ނުހުންނާނެ،" މާޓިނޭޒް ބުންޏެވެ.

ރޮނާލްޑޯ ނަސްރަށް ކުޅުނު ނަމަވެސް ފޯމަށް އަސަރު ނުކުރާ ކަމަށް މާޓިނޭޒް ފާހަގަކުރިއެވެ. އަދި ރޮނާލްޑޯއަކީ ޓީމުގެ އެޓޭކިން ޓެކްޓިކްސްގައި އަދިވެސް ބޭނުންކުރެވިދާނެ ކުޅުންތެރިއެއް ކަމަށް މާޓިނޭޒް ފާހަގަކުރިއެވެ. އެހެން ނަމަވެސް ބައެއް މެޗުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކުރަން ޖެހިދާނެކަމުގެ އިޝާރާތެއްވެސް އޭނާ ދިނެވެ.

"ރޮނާލްޑޯއަކީ އަދިވެސް އެޓޭކިން ޕެޓާންތައް ކާމިޔާބުކުރުމަށް މުހިއްމު ކުޅުންތެރިއެއް. ދެން ފަށާނެތޯ ކުރެވޭ ސުވާލު. މިހާރު ފުޓުބޯޅައިގައި ފަސް ބަދަލު ލިބޭއިރު ހަމައެކަނި ފަށާ ކުޅުންތެރިން އެކަނި އެއީ މެޗުގައި މުހިއްމު ކުޅުންތެރިން ކަމަށް ވިސްނައިގެން ނުވާނެ. މިހާރު ނިންމާ ކުޅުންތެރިންނާއި ފަށާ ކުޅުންތެރިންވެސް މުހިއްމު. އެހެންވީމަ ވަކި އެހެން ވިސްނައިގެން ނުވާނެ،" މާޓިނޭޒް ބުންޏެވެ.

ރޮނާލްޑޯ އެންމެފަހުން 2022 ވަނަ އަހަރު ގަތަރުގައި ކުޅުނު ވޯލްޑް ކަޕްގައި އޭރުގެ ކޯޗު ފެނާންޑޯ ސަންޓޯ ވަނީ ދެމެޗަށް އޭނާ ބެންޗު ކޮށްފައެވެ. އެއީ ސްވިޒަލޭންޑާއި ދެކުނު ކޮރެއާ މެޗުގައެވެ. އެ ފާޑު ކިޔުންތައް ކޯޗަށް ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ. އަދި ރޮނާލްޑޯ ވަނީ އެކަމާ ނުރުހުންވެސް ވެފައެވެ.

މާޓިނޭޒް ބުނީ ރޮނާލްޑޯއަކީ ކޮންމެ ރޯލެއް ދިން ކަމަށްވިޔަސް، އެ ރޯލެއްގައި ކުރަން ޖެހޭ މަސައްކަތް ފުރިހަމައަށް ކުރާނެ ޑިސިޕްލިން ހުންނާނެ ކުޅުންތެރިއެއް ކަމަށާއި، އޭނާއަކީ އަދިވެސް އެންމެ ނުރައްކާ އެއް ފޯވަޑް ކަމަށެވެ. މާޓިނޭޒްގެ އިރުޝާދުގެ ދަށުން ރޮނާލްޑޯ ހުރި ފޯމުވެސް އޭނާ ފާހަގަކުރިއެވެ. މާޓިނޭޒް ހަވާލުވިފަހުން ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް ކުޅުނު 30 މެޗުގައި 25 ގޯލް ޖަހައިފައެވެ.