ކްލަބު ގްރީން ސްޓްރީޓްސްގައި މިދިޔަ ހަ އަހަރު މަސައްކަތް ކުރި ކޯޗު އަލީ ނިސްތާރު މުހައްމަދު، އެ މަގާމު ދޫކޮށްލަން ނިންމައިފިއެވެ.

ނިސްތާރު މިއަދު ކުރި ޕޯސްޓެއްގައި ބުނީ އުނދަގޫ ނިންމުމެއް ނަމަވެސް ގްރީން ސްޓްރީޓްސްގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކްލަބުގައި ހޭދަކުރި ދުވަސްތަކުގައި ކުޅުނު ކުޅުންތެރިންނާއި އެކުގައި މަސައްކަތް ކުރި މެނޭޖުމަންޓަކީ ހާއްސަ ބައެއްކަން ނިސްތާރު ފާހަގަކޮށްފައިވެއެވެ.

"ރާއްޖޭގައި އެހާ އާންމުކަމެއް ނޫން އެއް ކްލަބެއްގައި ގިނަ ދުވަސްތަކެއް ވަންދެން ކޯޗުކަން ކޮށްދިނުމަކީ. އަހަންނަށް ގްރީނާއެކު ގިނަ ދުވަސްތަކެއް ހޭދަކުރެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. މި ކްލަބުގައި އަހްނާއެކު މަސައްކަތްކުރި ހުރިހާ ކުޅުންތެރިންނާއި މެނޭޖުމަންޓަކީވެސް ހާއްސަ ބައެއް. ކްލަބުގައި ހޭދަކުރި ދުވަސްތަކުގައި ތިންވަނައިގައި އަދި ހަތަރު ވަނައިގައި ނިންމާލެވުނު. އަދި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ތިންވަނަވެސް ހޯދުނު. އަހަރެމެންނަކީ އަބަދުވެސް ވަރުގަދަ ބޮޑެތި ޓީމުތައް ކައިރީ ބޯހަރު ޓީމެއް. މިއީ އާއިލާއެއް،" ނިސްތާރު ބުނެފައިވެއެވެ.

ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމުގައި ވެސް ބިނާކުރަނިވި މަސައްކަތްތަކެއް ކުރި ނިސްތާރު ވަނީ ގްރީން ސްޓްރީޓްސްއާއެކުވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ.

ނިސްތާރު ބުނީ ގްރީން ސްޓްރީޓްސް ދޫކޮށްލުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް، އިންޝާ ﷲ ކުރިއަށްދާނެ ކަމަށެވެ. އަދި އެކުގައި ކުރެވުނު މަސައްކަތް އަބަދުވެސް ހަނދާން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

ގްރީނ ސްޓްރީޓްސްްއިން މިފަހަރުގެ ދިވެހި ޕްރިމިއާ ލީގު ނިންމާލީ އަށް ވަނައިގައެވެ. އެޓީމަށް އަށްވަނަ ލިބުނު އިރު، ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ވާދަކޮށްފައެއް ނުވެއެވެ. އެމެޗު ދޫކޮށްލީއެވެ. އެމެޗުގައި ތަފާތު ބޮޑުކޮށް ބަލިވި ނަމަ، ގްރީންް ސްޓްރީޓްސް ރެލިގޭޓްވާނެ ކަމުގެ ބިރުވެސް އޮތެވެ. އެހެންނަމަވެސް ގްރީން މެޗަށް ނުދިޔުމުން ވެލެންސިއާ ރެލިގޭޓްވިއެވެ.

އެންމެފަހު މެޗަށް ހާޒިރުނުވި މައްސަލައިގައި އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ގްރީނ ސްޓްރީޓްސްް 50،000 ރުފިޔާގެ ޖޫރިމަނާކޮށްފައެވެ. އޭގެ އިތުރުން ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ޓްރާންސްފާ ބޭންއެއް ދޭން އެފްއޭއެމްއިން ނިންމާފައިވެއެވެ. އެފްއޭއެމްގެ ނިންމުމުގައި ޕޮއިންޓް އުނިކުރުން ނެތުމުގެ ސަބަބުން ވެލެންސިއާއިން ވަނީ ހިތްހަމަ ނުޖެހުންވެސް ފާޅު ކޮށްފައެވެ.

ގްރީނ ސްޓްރީޓްސްއަށް ކުރިއަށް އޮތީ ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނެވެ. ކޮލިފިކޭޝަންގެ ހަތަރު ޖާގައެއް މިހާރު ވަނީ ޔަގީންވެފައެވެ. އެއީ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ ޓީސީ ސްޕޯޓްސް ކްލަބާއި، އަށްވަނަ ގްރީން ސްޓްރީޓްސްގެ އިތުރުން، މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސްއާއި ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫއެވެ. ބާކީ ދެ ޖާގަ ލިބޭނީ ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަނަށާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަނަށެވެ. އެ ހަޓީމު ކުޅޭ މުބާރާތުން ހަތަރު ޓީމު އަންނަ ސީޒަނުގެ ލީގަށް ކޮލިފައިވާނެއެވެ.