ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނާއި ގުޅުމަށް ފިންލޭންޑްގެ ތަޖުރިބާކާރުން ރާއްޖެ އަތުވެއްޖެއެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށައިފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިން އަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.

ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ އޮފިސަރަކު ވެސް އިއްޔެ ވަނީ ޑީކޯވެގެން މަރުވެފައެވެ. އެއާއެކު ގެއްލުނު ޑައިވަރުން ހޯދަން ފެށި އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލިއެވެ. އެއީ، އިޓަލީ ސަރުކާރުން ހަމަޖެއްސި ޑައިވަރުންގެ ޓީމް ރާއްޖެ އަންނަންދެން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު ހުސައިން މުހައްމަދު ޝަރީފް (މުންދު) ރޭ ވިދާޅުވިއެވެ.

މުންދު ވިދާޅުވި ގޮތުގައި މީހުން ހޯދަން ހަވާލުކޮށްފައި ވަނީ އިޓަލީގެ ޑޭން ނަމަކަށް މިޔާ ކުންފުންޏަކަށެވެ. ނަމަވެސް، ރާއްޖެ އަންނާނީ ހޮހަޅައަށް ފީނުމުގައި ވެސް ހުރި ތަޖުރިބާ ހުރި ފިންލެންޑުގެ ތިން ޑައިވަރުންނެވެ. އެ އެންމެން ވެސް މިހާރު ވަނީ ރާއްޖެ އައިސްފައެެވެ.

ތަޖުރިބާކާރު ޑައިވަރުންގެ ޓީމުން ރާއްޖެ އައިސްފައިވާއިރު، އެ މީހުން މަސައްކަތް ކުރާނީ އެމްއެންޑީއެފާ ގުޅިގެންނެވެ.