ސިޓީ ކައުންސިލްތަކުގެ މޭޔަރު ކަމަށާއި ލޯކަލް ކައުންސިލުތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކަށް އިންތިހާބުވި މެންބަރުން އިގުރާރުގައި ސޮއިކުރައްވައި ހުވާކުރައްވައިފިއެވެ.
އާ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ މިހާރު ތިއްބެވި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު މިއަދަށް ހަމަވާތީއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތުތައް މާލޭގެ އިތުރުން ބައެއް ސިޓީތަކާއި ރަށްތަކުގައި މިއަދުގެ އެކި ގަޑިތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައި ހުވާލައިދެއްވީ އެރަށަކަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ އިސް ގާޒީއެވެ.
މާލޭގައި އެ ރަސްމިއްޔާތު ބޭއްވީ ސޯޝަލް ސެންޓަރުގެ ހޯލުގައެވެ. މާލޭގެ މޭޔަރުކަމަށް ދެވަނަ ދައުރަކަށް މިފަހަރު ވެސް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް އަށާއި ކައުންސިލަށް އަލަށް އިންތިހާބުވި 17 ކައުންސިލަރުންނަށް ވެސް މަގާމުގެ ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަނީޒް އަބްދުﷲ އެވެ.
އެ ރަސްމިއްޔާތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބުވި މެމްބަރުން އިގްރާރުގައި ސޮއިކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ރަސްމިއްޔާތުގައި މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކަކީ، މާ ދުރަށް ފޯރާނެ ކަމަށް ބެލެވޭ ނިންމުންތަކެއް ކަމަށާއި އެ ނިންމުންތަކުގެ ސަބަބުން ރާއްޖޭގައި ދެފުށް ފެންނަ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ހިންގުމުގެ ނަމޫނާއަކަށް ވާންޖެހޭނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކުރައްވާނީ މި ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މަންފާ އަށް ކަމަށެވެ. އަދި މި ސަރަހައްދުގެ ބިމުގެ ދަތިކަމާއި އާބާދީގެ ތޮއްޖެހުމާ އަޅާ ބަލާއިރު ޕްލޭންތައް ހަދަން ޖެހެނީ ހަރުދަނާ ގޮތެއްގައިކަމަށް މޭޒާ އާޒިމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިދިޔަ މަހުގެ 19 ގައި ދީފައިވާ މައުލޫމާތުގައިވާ ގޮތުން މިދިޔަ މަހުގެ 4 ގައި ބޭއްވި އެ އިންތިހާބުގައި ޕީއެންސީއަށް ކައުންސިލްތަކުން ލިބުނީ 280 ގޮނޑިއެވެ.
އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނާއި މެމްބަރުންގެ ގޮނޑިތަކާ އެކު، ޕީއެންސީއަށް ޖުމްލަ 584 ގޮނޑި ލިބިފައިވެއެވެ. އެ ކޮމެޓީތަކުގެ ރައީސުންގެ ގޮނޑި އާއި މެމްބަރުންގެ ގޮނޑިތަކުގެ ތެރެއިން 304 ގޮނޑިއެއް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.
އިދިކޮޅު އެމްޑީޕީން ކައުންސިލުތަކުން ވަނީ މޭޔަރުގެ ފަސް ގޮނޑިއާ އެކު ޖުމްލަ 289 ގޮނޑި ހޯދައިފައެވެ. އަދި އަންހެނުންގެ ކޮމެޓީތަކުގެ ގޮނޑިތަކާއެކު އެމްޑީޕީއަށް ލިބުނީ 563 ގޮނޑިއެވެ.
ފާތިމަތު ލިއުޝާ
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް