ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި، 1.68 ބިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއީ މިމަހު ތިންވަނަ ދުވަހުގެ ނިޔަލަށް ދޫކުރި އަދަދެވެ. އަދި އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އެގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 17.4 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ދޫކޮށްފައިވަނީ، 1.43 ބިލިޔަން ރުފިޔާއެވެ.

ތަފާސްހިސާބުތަކުން އެނގޭގޮތުގައި މިއަހަރަކީ، ރާއްޖޭގެ ތާރީހުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކުރި އަހަރެވެ.

މި އަހަރުގެ ބަޖެޓުގައި ކައުންސިލުތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ތަފާސްހިސާބަށް ބަލާއިރު 2023 ވަނަ އަހަރު ކައުންސިލުތަކުގެ ގްރާންޓުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް އަށް މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އޭގެ ކުރީ އަހަރު ވެސް 2.2 ބިލިޔަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައިވެއެވެ.

ކައުންސިލުތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ހިމެނެނީ ސިޓީ ކައުންސިލުތަކަށެވެ.

މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ، މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަނީ، ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން "ބްލޮކް ގްރާންޓް"ގެ ގޮތުގައެވެ.

ކައުންސިލުތަކަށް ދޭ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު އަތޮޅު ކައުންސިލުތައް އުވާލާފައިވާއިރު، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.