އެ އިރެއްގައި އޮންނަ ސަރުކާރަކުން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް، އިދިކޮޅު ފަރާތްތަކުގެ ބާރު އޮންނަ ސިޓީކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން ހުރަސް އަޅާކަމުގެ ޝަކުވާއަކީ ޒަމާން ވެފައިވާ ޝަކުވާއެކެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ މި މަހުގެ އެއް ވަނަ ދުވަހު ތަސްދީގު ކުރައްވައި ގެޒެޓް ކުރެއްވި، "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" އަށް ގެނައި އިސްލާހުތަކުން އެ މައްސަލައަށް ހައްލުތަކެއް ލިބިގެންދާނެއެވެ.
އެ ގާނޫނަށް މި އިސްލާހުތައް ގެންނަން ހުށަހެޅި މައިގަނޑު ސަބަބެއްގެ ގޮތުގައިވެސް ބިލްގައި ބުނެފައި ވަނީ، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރު ކުރުން ކަމަށެވެ. ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާގުޅޭ އިޖުރާއާތުތައް ހަރުދަނާ ކުރުންވެސް މި އިސްލާހުތައް ގެނައުމުގެ ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
އެ ބިލުން ދެ ކަމެއް ހާސިލު ވާނެއެވެ. އެއް ކަމަކީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމާއި ތަންތަން، ތަރައްގީގެ މަސައްކަތްތަކަށް ކައުންސިލްތަކުގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމެވެ. އަނެއް ކަަމަކީ އެގޮތަށް ބިންބިމާއި ތަންތަން ސަރުކާރަށް ނަގައިގެން ހިންގާ މަޝްރޫއުތަކަށް ހުރަސް އަޅަން ކައުންސިލްތަކަށް އޮތް ފުރުސަތު މުޅިން ނެތިގެން ދިއުމެވެ.
ގާނޫނަށް މި އިސްލާހުތަށް ގެނައުމަށްޓަކައި، މަޖިލީހަށް ބިލް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާނު ނަމަވެސް، މި އިސްލާހުތައް ގެނެސް ބިލް ފުރިހަމަކުރީ ސަރުކާރުގެ ތާއީދާއެކުގައެވެ.
މި ބިލް ތަސްދީގު ކުރެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައިވެސް އެކަން ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތައް ފެށުމަށް ބޭނުންވާ ބިންތައް ހަވާލުކުރުމަށް އިދިކޮޅު ވިސްނުމުގެ ކައުންސިލްތަކުން ހުރަސް އަޅަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން މަޝްރޫއުތައް ވަރަށް ބޮޑަށް ލަސްވެގެންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އިސްލާހަށް ސަރުކާރުން ތާއީދުކުރަން ނިންމީ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ބައެއް ކައުންސިލުތަކުން ކުރިމަތިކުރަމުންދާ ދަތިތަކަށް އެ ބިލުން ހައްލެއް ލިބިގެންދާތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބިލް މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު އޮތީ، ކޮންމެ ގާނޫނެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންބިމާއި ތަންތަން ކައުންސިލްގެ އިހްތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމި ދާނެ ކަމަށެވެ. ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމާ ތަންތަން ކައުންސިލް މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަންތަންކަމުގައި އެތަންތަންވާނެއެވެ. އެގޮތަށް ނަގާ ބިން ބިމަށް ނުވަތަ ތަންތަނަށް ބަދަލެއްވެސް ދޭކަށް ނުޖެހެއެވެ. އަދި ކައުންސިލްގެ ހިޔާލެއް ހޯދާކަށްވެސް ނުޖެހެއެވެ. އެ ކަންކަމަށް ހުރަސް އެޅުމުގެ ގޮތުން ކައުންސިލަށް، ނުވަތަ ހުރަސް އެޅޭފަދަ ގޮތަކަށް ކައުންސިލް މެންބަރަކަށް އެއްވެސްކަމެއްވެސް ނުކުރެވޭނެއެވެ.
ބިލް އެގޮތަށް އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރިއެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ އެއީ ލާމަރުކަޒީ ނިޒާމު ސަރުކާރުން ހަލާކުކޮށްލައި، ހުދުމުހުތާރު ނިޒާމަކަށް ގެންދިއުން ކަމަށެވެ.
ފުރަތަމަ ފަހަރަށް އީ ޕެޓިޝަނަކަށް މަޖިލީހުގައި ބަހުސް ކުރަން ޖެހުނީވެސް މި ބިލުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ފުރަތަމަ ހުށަހެޅީ ބިލް އަނބުރާ ގެންދަން ގޮވާލާ ޕެޓިޝަނެކެވެ. ދެން ހުށަހެޅީ ބިލް އޮތް ގޮތަށް މަޖިލީހުން ފާސްކުރަން ގޮވައިލި ޕެޓިޝަނެކެވެ. ނަމަވެސް މަޖިލީހުން ބިލް ފާސްކުރީ އެކި ފަރާތްތަކުން ފާހަގަކުރި ބައެއް ކަންބޮޑުންތަކަށް ސަރުކާރުން ހައްލުތަކެއް ގެނެސްގެންނެވެ.
އެގޮތުން ރައީސް ތަސްދީގު ކުރެއްވި ބިލްގައި، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް، ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންބިމާއި ތަންތަން އިހްތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާއިރު އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އޭގެ އިތުރުން އެގޮތަށް ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ވަކިކުރާއިރު، ގައުމީ އިދާރާއިން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއްވެސް ވަނީ ހިމަނައިފައެވެ.
ގައުމީ އިދާރާއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް:
- ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ވަކިކުރުމަށް ނިންމާފައިވާ ބިމުގެ ނުވަތަ ތަނުގެ މައުލޫމާތާއި އެ ބިމެއްގައި ނުވަތަ ތަނެއްގައި ސަރުކާރުން ހިންގުމަށް ކަނޑައަޅާ ތަރައްގީގެ މަޝްރޫއާ ގުޅޭ މައުލޫމާތު އާންމުކުރުން؛
- އެ ތަރައްގީގެ މަޝްރޫއާ ގުޅޭ މައުލޫމާތު އެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލާ ހިއްސާކޮށް ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯދުން. އެގޮތުން، ކައުންސިލުން ހުށަހަޅަން ބޭނުންވާ ހިޔާލެއް ނުވަތަ ޝަކުވާއެއް ވާނަމަ އެ ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް މަދުވެގެން 14 ދުވަހުގެ މުއްދަތެއް ދިނުން؛
- އެ ތަރައްގީގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ރަށެއް، ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލްގެ އިތުރުން، އެ މަޝްރޫއާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހަޅަން އެއްވެސް ފަރާތަކުން ބޭނުންވާނަމަ އެ ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް މަދުވެގެން 14 ދުވަހުގެ މުއްދަތެއް ދިނުން؛
- މި މާއްދާގެ މި އަކުރުގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ދަށުން ލިބޭ ހިޔާލުތަކާއި ޝަކުވާތަކަށް ރިއާޔަތްކޮށް އެ ބިމެއްގައި ނުވަތަ ތަނެއްގައި ކުރުމަށް ނިންމާފައިވާ ތަރައްގީގެ މަޝްރޫއަށް އެއްވެސް ބަދަލެއް ގެންނާން ޖެހޭނަމަ އެ ބަދަލެއްގެނައުން؛
- ކައުންސިލްގެ އިހްތިސާސުން ވަކިކުރެވޭ ބިމުގައި ނުވަތަ ތަނުގައި ގާނޫނު ހުއްދަކުރާ ގޮތުގެމަތީން ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ އެފަދަ އިންވެސްޓްމަންޓްތަކަށް މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން ކަނޑައަޅާ އެކަށީގެންވާ ބަދަލެއް ދިނުން.
މީގެ ކުރީން ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ރަށްރަށުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅޭގޮތަށް ކައުންސިލްތަކުން ނިންމާ ނިންމުންތަކެވެ. މިފަހަރު ގާނޫނަށް ގެނައި އިސްލާހު އެކަމަށްވެސް ވަނީ ފަރުވާއެއް ހޯދައިފައެވެ. އެއީ މަސައްކަތުގައި ކައުންސިލަރުން ގެންގުޅެން ޖެހޭ އާންމު ސުލޫކުތަކުގެ ތެރޭގައި، ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުން މި އިސްލާހުން ގާނޫނުގައި ހިމަނާފައިވާތީއެވެ.
ކައުންސިލް މެންބަރުން މަސައްކަތުގައި ގެންގުޅެން ޖެހޭ އާއްމު ސުލޫކުގެ ގޮތުގައި މިހާތަނަށް ހަތް ކަމެއް ގާނޫނުގައި އޮތީ ކަނޑައަޅައިފައެވެ.
އެއީ:
- ގާނޫނުން ކައުންސިލްތަކާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށްވުން؛
- ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާއެކު ހާސިލުކުރުމަށްޓަކައި އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން؛
- ކައުންސިލްގެ ހިދުމަތް ލިބިގަންނަ މީހުންނާ މުއާމަލާތު ކުރުމުގައި އިހްލާސްތެރިކަމާއި އަބުރުވެރިކަމާއެކު ކައުންސިލްގެ ހިދުމަތުގެ ދާއިރާގައި އަމަލުކުރެވޭ ހަމަތަކުގެ ތެރޭގައި، ފަރުވާތެރިކަމާއެކު ހިދުމަތްދޭ ބަޔަކަށްވުން؛
- ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަން ޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށްވުން؛
- ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދަލަށް ރައްކާތެރިވާ ބަޔަކަށްވުން؛
- ކައުންސިލްގެ މުދަލާއި ވަސީލަތްތަކާއި ހިދުމަތްތައް ބޭނުންކުރުމުގައި އިގްތިސާދުކުރުމާއެކު، އެންމެ ފައިދާހުރި ގޮތުގައި، ރަސްމީ ބޭނުންތަކަށް ނުވަތަ ހުއްދަ ކުރެވިފައިވާ ބޭނުންތަކަށް އެ އެއްޗެހި ބޭނުންކުރާ ބަޔަކަށްވުން؛
- ކައުންސިލްގެ އިދާރާގެ ރަސްމީ ވަގުތުތައް، ރަސްމީ ވާޖިބުތައް އަދާކުރުމަށް ހޭދަކުރާ ބަޔަކަށްވުން.
ހަމަަ އެއާއެކު، ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް ކައުންސިލް މެންބަރުން އަމަލުކުރުން ނުވަތަ، އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ، ގާނޫނުގައި ކައުންސިލް މެންބަރުން ކޮށްގެން ނުވާނެ ކަންކަމުގެގޮތުގައިވެސް މި އިސްލާހުން ވަނީ ހިމަނައިފައެވެ.
ކައުންސިލްގެ މެންބަރުން ކޮށްގެން ނުވާނެ ކަންކަމުގެ ގޮތުގައި، ފަސްކަމެއް މިހާތަނަށް ގާނޫނުގައި އޮތީ ހިމަނައިފައެވެ.
އެއީ:
- ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ހިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލުން ނުވަތަ ހުއްޓުވާލުމަށް މަސައްކަތްކުރުމާއި، އަދި އެއިން ކަމަކަށް ބުރޫއަރާފަދަ އަމަލުތަކާއި، ކައުންސިލްގެ މަސްލަހަތު ގެއްލޭފަދަ އަމަލުތަކާއި، ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭފަދަ އަމަލެއް ކުރުން؛
- ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން؛
- އަމިއްލަ ނުވަތަ އާންމު ފަރާތްތަކަށް ކައުންސިލުން ދޭ ހިދުމަތަކާ ގުޅޭގޮތުން، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އެއްވެސް ފަރާތަކުން ދޭ އެއްވެސް އެއްޗެއް ގަބޫލުކުރުން؛
- ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން އެއްވެސް އަމަލެއްކުރުން؛
- އެއްވެސް ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ އަމިއްލަ ބޭނުމެއް ހާސިލުކޮށްދިނުމަށް މަގާމުގެ ނުފޫޒު ބޭނުންކުރުން.
މި ބިލް ތަސްދީގު ކުރެއްވުމަށްފަހު، ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް އިތުރު ޔަގީންކަމެއް ދެއްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމެއް ދައުލަތަށް ނަގާނީ ތަރައްގީގެ މަޝްރޫއުތަކަށް އެކަނި ކަމަށެވެ. ބިން ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީވެސް ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާނަމަ، ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުން ބޭނުމެއް ނުވޭ ކައުންސިލްތަކުން ބިންތައް ވަކިކުރާކަށް، އެހެންނަމަވެސް ހުރަސް އަޅާ ކަމަށްވަންޏާ އެތައް މަހެއް ޑިލޭވަމުންދަނީ. އެހެންވެއްޖެއްޔާ އެބަޖެހޭ ބިންތައް ވަކިކޮށްގެންވެސް މަޝްރޫއުތައް ހިންގަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނަށް މިގެނައި ބަދަލާއެކު، ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކަށް ހުރަސް އެޅިގެންނުވާނެއެވެ.
އިބްރާހިމް ޒަކީ
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް
ކޮމެންޓް