ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ އޮފިސަރެއް މިއަދު މަރުވުމާ ގުޅިގެން ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން މިއަދު މެދުކަނޑާލައިފިއެވެ.

ސަރުކާރުުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް "ވަން" އަށް މިރޭ ވިދާޅުވީ ކޯސްޓްގާޑުގައި ތިބީ ހާއްސަ ތަމްރީނުތައް ލިބިފައިވާ، ގާބިލް ބައެއް ކަމަށާއި ނަމަވެސް، އެ މަސައްކަތުގައި އުޅުނު ކޯސްޓްގާޑުގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިއަދު މެންދުރު ފަހު މަރުވުމުން، އެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ކަމަށެވެ.

"ވަގުތީ ގޮތުން މި އޮޕަރޭޝަން މެދުކަނޑާލި ނަމަވެސް މާދަމާ އެބަ އާދޭ އިޓަލީގެ ސަރުކާރުން ފޮނުވާ ޑައިވަރުންގެ ޓީމެއް. އެ ޓީމު އައުމުން އަލުން އޮޕަރޭޝަން ފަށާނެ" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވި ގޮތުގައި މީހުން ހޯދަން ހަވާލުކޮށްފައި ވަނީ އިޓަލީގެ ޑޭން ނަމަކަށް މިޔާ ކުންފުންޏަކަށެވެ. ނަމަވެސް، ރާއްޖެ އަންނާނީ ހޮހަޅައަށް ފީނުމުގައި ވެސް ހުރި ތަޖުރިބާ ހުރި ފިންލެންޑުގެ ތިން ޑައިވަރުންނެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށައިފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިން އަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.

މި ހާދިސާއާ ގުޅިގެން ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހިފަހައްޓައިފައެވެ.