ސިހުން ގެނުވި ހަބަރެކެވެ. ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ވަކިވެ ދިޔުމުން އެތައް ހިތާމައެއް ކުރިމަތި ކުރުވައިފިއެވެ. މަހުދީއަކީ އެތައް ބައެއްގެ ނަޒަރުގައި މީހުންނަށް ހެޔޮ، އަބަދު ވެސް އެހީތެރިވެދޭން ތައްޔާރަށް ހުންނަ މީހެކެވެ. އެއާއެކު މަހުދީއަކީ ރާއްޖޭގެ އެންމެ މޮޅު އެއް ޑައިވަރެވެ. އަދި ކުޅިވަރުގެ ވެސް ހިދުމަތްތެރިއެކެވެ. ބާކެސްޓްބޯޅައިގެ އިތުރުން ހޭންޑްބޯޅައިގެ ކުޅަދާނަ އެތުލީޓެކެވެ.
މަހުދީ މިއަދު ދުނިޔެއާ ވަކިވެ ދިޔައީ، ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރި މަސައްކަތުގައެވެ. ފުރާނަ އަތްމައްޗަށް ލައިގެން އެތަކެއް މީޓަރު އަޑިއަށް ފީނުމުގެ ތެރެއިންނެވެ. އުމުރުން 44 އަހަރު މަހުދީ މަރުވެފައި ވަނީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. މަހުދީ މަސައްކަތް ކުރަމުން ދިޔައީ ހައި ރިސްކް ރެސްކިއު މިޝަންއެއްގައެވެ. އެއީ ވ. އަލިމަތާ ކައިރިން ޑައިވް ކުރި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށެވެ.
އެ ޑައިވަރުން ފީނާފައި ވަނީ ރާއްޖޭގެ ގަވާއިދުގައި އޮންނަ ފުންމިނަށް ވުރެ މާފުނަށެވެ. އެއީ 60 މީޓަރު އަޑީގައި އޮތް ކޭވް އަކަށެވެ. ރާއްޖޭގެ ގަވާއިދުގައި އޮންނަ ގޮތުން އެންމެ ފުނަށް ފީނޭނީ 30 މީޓަރަށެވެ. އެ ޑައިވަރުންގެ ހަށިތައް ހޯދުމަށް މަހުދީ ކުރަމުންދިޔަ މަސައްކަތަކީ ގައުމީ މަސައްކަތެކެވެ. އެ އޮޕަރޭޝަނުގެ އެންމެ އިސް ރޯލެއް ކުޅެމުން ދިޔައީ ވެސް އޭނާއެވެ.
މީގެ ކުރިންވެސް ގައުމީ ވާޖިބު އަދާކުރުމުގައި ނަމޫނާއެއް
މިއަދު ރާއްޖޭގެ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ އިހުސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2005 ވަނަ އަހަރު ގައުމީ ދިފާއީ ބާރާ އޭނާ ގުޅިވަޑައިގެންނެވީ މަހުދީއާ އެކުގައި ކަމަށެވެ. އެއިރުން ފެށިގެން ވެސް މަހުދީގެ ހިތްވަރާއި ކެރުންތެރިކަން އަދި އަހުލާގު ފާހަގަވި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ފާހަގަކުރެއްވީ "އެއީ ރާއްޖޭގެ އެންމެ ކުޅަދާނަ، އެންމެ ހުނަރުވެރި އެއް ޑައިވަރު،" ކަމަށެވެ. އަދި މިހާތަނަށް "1000 އަށްވުރެ ގިނަ ޑައިވްކޮށް، އެތައް އުނދަގޫ ނުރައްކާތެރި ހާލަތްތަކެއްގައި ވެސް،"މަހުދީ މަސައްކަތް ކޮށްފައިވާކަން އިހުސާން ފާހަގަ ކުރެއްވިއެވެ. އަދި ބައެއް ހާލަތްތަކުގައި 70 އަށްވުރެ އަޑިއަށް ފީނައިގެން ވެސް މީހުން ސަލާމަތް ކުރުމުގެ ހާލަތްތަކުގައި މަސައްކަތް ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ފާހަގަ ކުރެއްވީ ޑައިވަރުންގެ ހިތްވަރެވެ. ހާއްސަކޮށް ހާލަތަށް އަންނަ ބަދަލަށް ހޭނި، ކުރަން ޖެހޭ މަސައްކަތުގެ އުނދަގޫ ކަމެވެ. މިނިސްޓަރުގެ ނަޒަރުގައި މިއަދު ވަކިވެގެން ދިޔައީ ގައުމު ދުށް އެންމެ ކެރޭ އެއް "ސޯލްޖާ"އެވެ. އަދި ހީރޯއެކެވެ. މުޅި ގައުމަށް އެއީ ލިބުނު ބޮޑު ހިތްދަތި ކަމެކެވެ.
ކުޅިވަރު އާއިލާއަށްވެސް ހިތާމައެއް
މަހުދީއަކީ ހަމައެކަނި ޑައިވަރެއް ނޫނެވެ. ހުނަރުވެރި އެތުލީޓެކެވެ. ހާއްސަކޮށް ބާސްކެޓާއި ހޭންޑްބޯޅައިގެ ހިދުމަތްތެރިއެއް ވެސް މެއެވެ. ހޭންޑްބޯޅައިގެ ކޯޗުކަން ކޮށްދީ، އެ ކުޅިވަރުގެ ކުރިއެރުމަށް ވެސް މަހުދީ ވަނީ މަސައްކަތްތަކެއް ކޮށްދީފައެވެ. ކުރިން ގައުމީ ހޭންޑްބޯޅަ ޓީމަށްވެސް ކުޅުނު މަހުދީއަކީ ހަމައެކަނި އެތުލީޓެއް ނޫނެވެ. ނަމޫނާ ޓީމްމޭޓެކެވެ. އެހެން ހުރިހާ ކުޅުންތެރިންގެ އިހުތިރާމު ވެސް ހޯދި އެތުލީޓެކެވެ.
ހޭންޑްބޯޅައިގައި މަހުދީ ތަފާތު ކާމިޔާބީތައް ހޯދާފައިވާ އިރު، އެސޯސިއޭޝަނުން ބުނީ މަހުދީގެ ވަކިވުމުން އެ ގެއްލިގެން ދިޔައީ ކޯޓުގައި ދެއްކި ކުޅުން އެކަނި ނޫން ކަމަށެވެ. ކޯޓުން ބޭރުގައި ދެއްކި ޑިސިޕްލިންނާއި އަޅާލުން ކަމަށެވެ. އަދި ބެހެއްޓި ގާތްކަން ވެސް ހިމެނޭހެންނެވެ.
ޒެފްރޯލް ފަދަ ކްލަބުތަކުގެ ކޯޗަކަށް ވެސް މަހުދީ މަސައްކަތް ކޮށްފައިވާ އިރު، އޭނާއަކީ ބާސެކްޓް ވެޓެރަންއެއް ވެސް މެއެވެ. ބާސްކެޓްގެ ތަފާތު ކާމިޔާބީތައް ވެސް ކެރިއަރުގައި ހާސިލްކޮށްފައިވެއެވެ. އެސޯސިއޭޝަނުން ވަނީ މަހުދީގެ ވަކިވުމުގެ ހިތާމައިގައި ބައިވެރިވެ، ތައުޒިޔާ ފޮނުވައިފައެވެ. އަދި މަހުދީގެ ލެގަސީން "ޖީލުތަކަކަށް ހިތްވަރު ލިބޭނެ،" ކަމަށް ބުނެފައިވެއެވެ.
މަރު
މަރު
މަރު
ކޮމެންޓް