ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައިކަމަށް ވިދާޅުވެ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް، ކުރީގެ ތިން ރައީސުން ކަމަށްވާ، ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންނެވި ނިންމެވުުގައި އޮތީ ހުސް އަމިއްލަ އެދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ތިން ރައީސުން އެކިގައި މަސައްކަތް ކުރެއްވުމަށް ސޮއި ކުރެއްވި އެއްބަސްވުން ޓްވީޓް ކުރައްވައި ފަލާހު ވަނީ އެ ތިން ބޭފުޅުންނަށާއި އެބޭފުޅުންގެ ވެރިކަމުގައި ހިނގަވާފައި ހުރި ބައެއް ގޯސް ކަންތައްތައް ހާމަ ކުރައްވައިފައެވެ.

ތިން ބޭފުޅުން އެކުގައި މަސައްކަތް ކުރަން އެއްބަސްވެ ވަޑައިގެންނެވުމަށްފަހު، ރޭ ބޭއްވި ނިއުސް ކޮންފަރެންސާ ބެހޭގޮތުން ފަލާހު ވިދާޅުވީ އެ ނިއުސްކޮންފަރެންސްގައި އެ ބޭބޭފުޅުންގެ ވެރިކަންތަކުގައި ހިނގި ކަންކަމާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ވެސް ޖަވާބު ނުދެއްވާ ކަމަށެވެ. އަދި އެ ނިއުސްކޮންފަރެންސްގައި ނޫސްވެރިން ސުވާލު ކުރަން ޖެހުނީ އެ ބޭފުޅުން އެދޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ތިން ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ލިއުމުގައި، ޝަރުއީ ދާއިރާ އާއި މަޖިލީހުގެ މިނިވަންކަމާއި އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމާއި ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތުމުން އަންނަނީ ހިނި ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

"ޔާމީން ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީން މަރާލި ވާހަކަ ދެއްކީމަ ގޯސް. މި މަރުތަކުގެ ތަހުގީގު އިބޫ ނުކުރި ވާހަކަ ބުނީމާ ގޯސް. އަބުދުﷲ ގާޒީ ހައްޔަރު ކުރި ވާހަކަ ދެއްކުން ގޯސް. އަންނި ވަނީ ގާޒީއެއް ވަގަށް ނަގައިގެން ޖަލަށްލާފައި، ކޯޓުތަކުގައި ތަޅު އެޅުވި. ކޯޓުތައް އަންދާލި. ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލި. އެމްއެންބީސީންގެ ވައްކަމާއި ސާކް ސަމިޓްގެ ވައްކަން އެހުރީ ފެންނަން. ޔާމީންގެ ވެރިކަމުގައި ވަނީ ކޯޓުގެ ޓިނު ނަގައި ގާޒީންނަށް ބިރުދައްކާފައި. ބާރަ މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރު ކުރި. ނޫސްވެރިންގެ އަނގަމަތީ ޓޭޕް އެޅި. ބޭބޭފުޅު ހިމެނޭ ގޮތުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާ އަނިޔާކުރި. އިބޫ ޖެއްސި ގައުމު ދަރަނި ދަންތުރައެއްގައި. 60 ބިލިޔަން ރުފިޔާއިން ދަރުވާލި. ނޭވާ ހޮޅިން ވައްކަން ކުރި. ބަދަލުގެ ގޮތުގައި ދެ ބިލިޔަން ރުފިޔާގެ ވައްކަން ހިންގި. ނޫސްވެރިން ގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރި. ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ވަކިކުރި. ހައި ކޯޓުގެ ގާޒީން ވަކިކުރި. ފޯޅަވަހި ދޫކޮށްލި،"

ފަލާހު ވިދާޅުވީ އެކަންކަމަކީ ވެރިކަމުގެ އާރާއި ބާރު ލިބިވަޑައިގަތުމުން ކަން ކުރެއްވި ގޮތް ކަމަށެވެ. އެހެންކަމުން އެބޭފުޅުންނަށް ކޮށްދެވޭނީ ކޮން ކަމެއްތޯ، ފަލާހު ވަނީ ސުވާކު ކުރައްވައިފައެވެ.