ޅ. ހިންނަވަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އިއްޔެ ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު / ޝޭޑީސައިޑް، އަހްމަދު ޒިޔާދު އާދަމް (38އ) އާއި ޅ. ހިންނަވަރު / ނޭޒާ، މާޖިދު މުހައްމަދު (30އ) އާއި ޅ. ހިންނަވަރު / ދިލްސާދުގެ، މުހައްމަދު އިބްރާހީމް (51އ) އެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އެ އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން އެ ވަގުތު ތިބި ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 21 ރަބަރު ޕެކެޓާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒިޔާދު 15 ދުވަހަށް، މާޖިދު ހަތަރު ދުވަހަށް އަދި މުހައްމަދު 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.