ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހުން ގެއްލުނު މައްސަލައިގައި ހިމެނޭ ސަފާރީގެ އޮޕަރޭޓިން ލައިސަންސް ސަސްޕެންޑުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ އިއްޔެ 13:45 އެހާކަންހާއިރު ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި ވަނިކޮށް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ބުނީ ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާ ގުޅިގެން، އެ މިނިސްޓްރީން 'އެމްވީ ޑިއުކް އޮފް ޔޯކް' އުޅަނދުގެ އޮޕަރޭޓިން ލައިސަންސް ވަކި މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައިވާ ކަމަށެވެ.

އެ ހާދިސާ ދިމާވެފައިވަނީ އެ އުޅަނދުން ޑައިވިނަށް ދިޔަ އިޓަލީގެ ހަތަރު ފަތުރުވެރިންނާއި ޑައިވިން އިންސްޓްރަކްޓަރަކަށް ކަމަށާއި އޭގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ކަނޑުއަޑިން ފެނިފައިވީ ނަމަވެސް، ގެއްލުނު ހަތަރު ފަތުރުވެރިން އަދިވެސް ފެނިފައި ނުވާ ކަމަށެވެ. ކަމާބެހޭ އިދާރާތަކުން ދަނީ އެމީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމަކާނުލައި ކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ހާދިސާގެ ސީރިއަސްކަމަށް ބަލައި، ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި މިނިސްޓްރީން ވަނީ އެ އުޅަނދުގެ ހުއްދަ ބާތިލުކޮށްފައި ކަމަށާއި އަދި އެ ދަތި ދަނޑިވަޅުގައި ފަތުރުވެރިންގެ އާއިލާތަކަށް މިނިސްޓްރީން ހަމްދަރުދީ ފޮނުވާފައިވާ އިރު، މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް އެ މިނިސްޓްރީން ބަލައިގަންނަ ކަމަށެވެ.

އޭގެ އިތުރުން، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަން ފާހަގަކޮށް، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ވަނީ ދީފައެވެ.

ގެއްލިފައިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް ކުރަމުން އަންނަ އިރު، އެ ހަތަރު މީހުން ތިބީ ދިގުމިނުގައި ގާތްގަޑަކަށް 200 ފޫޓު ހުންނަ ކޭވްއެއްގެ ތެރޭގައި ކަމަށް ލަފާކުރެއެވެ. މަރުވެފައިވާ މީހާ ފެނިފައިވަނީ އެ ކޭވްގެ ގާތްގަނޑަކަށް 60 މީޓަރު އަޑިންނެވެ.