އިނގިރޭސިވިލާތުގެ ކުޅިވަރު އެތުލީޓުންގެ ތެރެއިން އެންމެ ފުރަތަމަ ބިލިއަނަރަކަށްވުމުގެ ޝަރަފު ހޯދި ރައްޔިތަކަށް ޑޭވިޑް ބެކަމް ވެއްޖެއެވެ.
ދުނިޔޭގެ މުއްސަނދިންގެ ލިސްޓަށް މައުލޫމާތު އެއްކުރާ ފަރާތްތަކުން ބުނެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅުނު ބެކަމްއާއި އޭނާގެ އަންހެނުން ވިކްޓޯރިއާގެ މިލްކިއްޔާތަކީ މިހާރު 1.185 ބިލިއަން ޕައުންޑަށް އަރާފައިވާ ކަމަށެވެ. ބެކަމްއަކީ މިހާރު އިނގިރޭސި ކުޅިވަރު އާއިލާގެ ތެރެއިން ދެވަނައަކަށް އެންމެ މުއްސަނދި މީހާއެވެ. އެންމެ މުއްސަނދި ކުޅިވަރު ޝަހުސިއްޔަތަކީ ކުރިން ފޯމިއުލާ ވަންގެ ޗީފްގެ މަގާމުގައި ހުރި ބާނީ އެކްލެސްޓޯންއެވެ. އޭނާގެ މިލްކިއްޔާތަކީ 2 ބިލިއަން ޕައުންޑެވެ.
ބެކަމްއަކީ ކުޅިވަރު ކުޅެ، އެހިސާބަށް ދިޔަ ފުރަތަމަ މީހާއެވެ. އިންގްލެންޑް ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި ބެކަމް ފުޓުބޯޅައިން ރިޓަޔާކުރީ 2013 ވަނަ އަހަރުއެވެ. އޭގެފަހުންވެސް އޭނާ މަސައްކަތް ކުރަމުންދަނީ ފުޓުބޯޅައިގައެވެ. އެގޮތުން ބެކަމްއަކީ މިހާރު އެމެރިކާ ލީގުގެ އެންމެ އަގުބޮޑު ކްލަބުގެ ކޯ އޯނާއެކެވެ.
ބެކަމްގެ ކްލަބު އިންޓަ މިއާމީއަކީ މިހާރު ގާތްގަނޑަކަށް 1.07 ބިލިއަން ޕައުންޑްގެ ކްލަބެކެވެ.
އުމުރުން 51 އަހަރުގެ ބެކަމްއަކީ އަދިވެސް ދުނިޔޭގެ މަގުބޫލު އެތައް ބްރޭންޑެއްގެ ބްރޭންޑް އެމްބެސެޑަރެކެވެ. އެގޮތުން އެޑިޑާސްއާއި ހޫގޯ ބޮސް ފާހަގަކޮށްލެވެއެވެ.
ކުރިން ޕީއެސްޖީއާއި އޭސީ މިލާންގެ އިތުުރުން އެމެރިކާގެ އެލްއޭ ގެލެކްސީއަށްވެސް ކުޅުނު ބެކަމްގެ އަންހެން ވިކްޓޯރިއާއަކީ އެންމެ ފުރަތަމަ ސްޕައިސް ގާލްސްއިން މަގުބޫލުކަން ހޯދި ފަރާތެކެވެ. އޭނާ ފަހުން އަމިއްލަ ފެޝަން ބްރޭންޑެއް ތައާރަފުކޮށް، މިހާރު މައިގަނޑު އާމްދަނީއެއް ހޯދަމުންދަނީ އެ ބްރޭންޑުންނެވެ.
ބެކަމްއަކީ ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ބިލިއަނަރަކަށްވި ދެވަނަ އެތުލީޓެވެ. އެންމެ ފުރަތަމަ ފުޓުބޯޅައިން ބިލިއަނަރަކަށްވުމުގެ ޝަރަފު ހޯދީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ މިލްކިއްޔާތުވެސް ބިލިއަނަކަށްވުރެ މައްޗަށް އަރާނެއެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ