ރާއްޖޭގެ އިސްލާމީ ވަހުދަތު ހިމާޔަތްކުރުމުގައި ބޭރުގެ އެއްވެސް ޖަމިއްޔާއަކުން ނުވަތަ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަކަށް ފަރުވާލެއް ނުބަހައްޓަވާނެ ކަމަށާއި، މި ސަރުކާރު އޮންނާނީ އިސްލާމްދީނަށް ނަސްރުދިނުމުގައި ސާބިތުވެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވޭތުވެދިޔަ އެމްޑީޕީގެ ދެ ސަރުކާރުންވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް ކަމަށެވެ. އެގޮތުން، އިސްލާމްދީނުގެ އަސާސްތަކަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓް އެކުލަވާލި ފަރާތްތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މަތީ މަގާމުތައް ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މަސައްކަތް ކުރީ "އެލްޓަނޭޓިވް ނެރޭޓިވް" އެއް ނުވަތަ ކީރިތި ގުރްއާނާއި ސުންނަތާ ހިލާފު ގޮތްތަކެއް ރާއްޖެއަށް ތައާރަފުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރައްޔިތުން އެފަދަ ދުވަސްތަކެއް ދެން ބޭނުންނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބޭރުގެ ގައުމުތައް ވިޔަސް، ބޭރުގެ ޖަމިއްޔާތައް ކަމަށް ވިޔަސް، އެއްވެސް ފަރުވާލެއް އަޅުގަނޑުމެންގެ ނެތް. އަޅުގަނޑުމެން ކުރިއަށް ދާނީ އިސްލާމްދީނަށް ނަސްރުދިނުމުގައި،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީއެންސީއަކީ ބަދަހި ލަޝްކަރެއް ކަމަށާއި، ޕާޓީ ބައިބައިކުރަން ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ގައުމީ މަސްލަހަތު އިސްކޮށް، ދީނާއި ގައުމިއްޔަތަށް އިސްކަންދޭ "ހަގީގީ ދިވެހީންގެ ރާއްޖެ" އެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.