"ދައުރު" ނޫހުގައި ޝާއިއުކުރި ރިޕޯޓެއްގައި އަބުރަށް އަރައިގެންފައިވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
އަޒާން އެ ދައުވާ ކޮށްފައިވަނީ އެ ނޫސް ހިންގާ "ނެކްސްޓް މީޑިއާ ގްރޫޕް" އާއި ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށެވެ. މި މައްސަލަ އުފެދުނީ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން މޫސާ ލަތީފް ލިޔުއްވި ރިޕޯޓަކާ ގުޅިގެންނެވެ.
އެ ރިޕޯޓުގައި އަޒާންގެ އަބުރަށް އުނިކަން އަންނަ ފަދަ ވާހަކަތަކެއް ހުރިކަމަށް ބުނެ ހުށަހެޅި މި ދައުވާއާ ގުޅިގެން، އަންނަ ހޯމަ ދުވަހު ކޯޓަށް ހާޒިރުވުމަށް މޫސާ ލަތީފަށް މިހާރު ވަނީ ޗިޓް ފޮނުވާފައެވެ.
އަޒާން، ކޯޓުގައި އެދިވަޑައިގެންފައިވަނީ އެ ރިޕޯޓަކީ އޭނާގެ އަބުރަށް އަރައިގަނެފައިވާ ލިޔުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ބަދަލުގެ ގޮތުގައި 5،000 ރުފިޔާ އާއި، ގާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ހިނގި 28،670 ރުފިޔާ ނަގައިދިނުމަށްވެސް ވަނީ އެދިފައެވެ
އަދި ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން އެ ލިޔުން ޕަބްލިޝް ނުކޮށް "ޑްރާފްޓް" ސްޓޭޓަސްގައި ބެހެއްޓުމުގެ އަމުރަކަށްވެސް އަޒާން ވަނީ އެދިވަޑައިގެންފައެވެ.
މޫސާ ލަތީފްގެ އެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޒާން ކުރެއްވި ސުވާލަކާ ގުޅިގެން ހިނގި ކަންތައްތަކެވެ. އަދި އެ ހާދިސާ އަޅާކިޔާފައިވަނީ ދާދިފަހުން "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާއެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް