ވޮލީބޯޅައިގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި މުޅިން އަލަށް ބާއްވަން ފެށި ރާއްޖެ ވޮލީ ކްލަބު ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖު މެޗުތަކުގެ ފޯރި ގަދަވެއްޖެއެވެ.

ރާއްޖެ ވޮލީ ކްލަބުގެ ފަރާތުން ބާއްވާ ފުރަތަމަ މުބާރާތުގައި ކުރިއަށް ދަނީ އަންހެން ޑިވިޝަނެވެ. އަންހެން ޑިވިޝަނުގެ އަށް ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިހާތަނަށް އައި އިރު ގްރޫޕް ސްޓޭޖުގެ ކުޅުން ވަނީ ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައެވެ. އެގޮތުން މިރޭގެ މެޗުތަކުން މުބާރާތުގެ ސެމީ ފައިނަލަށް ދާ ޓީމުތައް އެއްކޮށް ޔަގީންވާނެއެވެ. ބައެއް ޓީމުތަކަށް މިހާރު ވަނީ ސެމީ ޔަގީންވެސް ވެފައެވެ.

ގްރޫޕް ސްޓޭޖު ބެހިފައިވާ ގޮތް

  • ގްރޫޕް 1: އައިޑިއަލް މޯވްމެންޓް، ފޭސް 2 ސްޕޯޓްސް ސީއީ، އާރްޖީބީ، ކަނބަލުން
  • ގްރޫޕް 2: އައިލެންޑް ފްރެންޑްސް، ކްލަބު ސްޓިލްރެޑް، ކްލަބު ރައިސިން ސްޓާ، ވީ ފްރެންޑްސް ކްލަބު

މިހާތަނަށް ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާ އިރު، ގްރޫޕް އެކެއްގެ އެއްވަނައިގައި އައިޑިއަލް މޫވްމެންޓް އޮތީ ކުޅުނު ތިން މެޗު ކާމިޔާބު ކޮށްގެންނެވެ. އެއީ އަށް ޕޮއިންޓާއެކުގައެވެ. އެޓީމަށް ވަނީ ސެމީ ޔަގީންވެފައެވެ. އެ ގްރޫޕްގެ ދެވަނައިގައި ފޭސް 2 ސްޕޯޓްސް އޮތް އިރު، އެ މޮޅާއެކު އެޓީމަށް ލިބެނީ ފަސް ޕޮއިންޓެވެ. ތިންވަނައިގައި އޮތް އާރްބީޖީ އަތުގައި ދެ ޕޮއިންޓް އޮތް އިރު، ކަނބަލުންނަށް ޕޮއިންޓެއް ނުލިބެއެވެ. ބާކީ އެ ގްރޫޕުގައި ދެން އޮތީ ކަނބަލުންނާއި އާރްބީޖީ ވާދަކުރާ މެޗެވެ.

ގްރޫޕް ދޭއްގެ ދެމެޗު މިރޭ ބާކީ އެބައޮތެވެ. ކޮންމެ ޓީމަކަށްވެސް މެޗެއް ބާކީ އޮތް އިރު، މިވަގުތު އެއްވަނައިގައި އޮތީ އައިލެންޑް ފްރެންޑްސްއެވެ. އެއީ ދެމެޗުން ދެ މޮޅާއެކު ފަސް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ކްލަބު ސްޓިލްރެޑް އެއް މެޗުން ތިން ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އޮތީ ކްލަބު ރައިސިން ސްޓާއެވެ. އެއީ އެއް މޮޅާއެކުގައެވެ. ވީ ފްރްންސްޑް ކްލަބަށް ދެމެޗުންވެސް ޕޮއިންޓެއް ހޯދިފައި ނުވާ އިރު، މިރޭ އެ ގްރޫޕުގައި އައިލެންޑް ފްރެންޑްސް ވާދަކުރާނީ ކްލަބު ސްޓިލްރެޑާއެވެ. ވީ ފްރެންޑްސް ނުކުންނާނީ ކްލަބު ރައިސިން ސްޓާއާ ދެކޮޅަށެވެ.

ރާއްޖެ ވޮލީ ކްލަބު ޗެމްޕިއަންޝިޕް 2026ގެ މެއިން ސްޕޮންސާއަކީ ގޯލްޑް ކީ ޕްރައިވެޓް ލިމިޓެޑެވެ. ބެވަރޭޖް ޕާޓްނާއަކީ ކޮކާކޯލާ އެވެ. މީޑިއާ ޕާޓްނާއަކީ "ވަން ސްޕޯޓްސް"އެވެ.