މެޓާ ކުންފުނިން އައިފޯނު ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފައިސާ ދައްކައިގެން ބޭނުންކުރެވޭ “ވޮޓްސްއެޕް ޕްލަސް” ސަބްސްކްރިޕްޝަން ތައާރަފުކޮށްފިއެވެ. މިއީ އެޕްލިކޭޝަންގެ ސިފަތައް އަމިއްލަ ގޮތަކަށް ބަދަލުކުރުމުގެ އިހްތިޔާރު ދިނުމުގެ ގޮތުން ތައާރަފުކުރި ޕްރީމިއަމް ހިދުމަތެކެވެ.

މި އާ ސަބްސްކްރިޕްޝަންގެ ދަށުން ބޭނުންކުރާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހާއްސަ އެނިމޭޓެޑް ސްޓިކާ ޕެކްތަކާއި، އެޕްލިކޭޝަންގެ އައިކަން ބަދަލުކުރެވޭ 14 ގޮތަކާއި، 18 ތަފާތު ކުލައެއްގެ ތީމް ހިމެނެއެވެ. މީގެ އިތުރުން، އާންމުކޮށް ހިލޭ ބޭނުންކުރާ ފަރާތްތަކަށް އެންމެ 3 ޗެޓް ޕިންކުރެވޭއިރު، ފައިސާ ދައްކާ ފަރާތްތަކަށް 20 ޗެޓް ޕިންކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ހާއްސަ 10 ރިންގްޓޯނެއްވެސް މި ޕެކޭޖުގައި ހިމެނެއެވެ.

މި ޚިދުމަތުގެ އަގުތައް އެކި ސަރަހައްދުތަކުގައި ތަފާތުވާއިރު، ޔޫރަޕްގައި މި ޕެކޭޖު ވިއްކަނީ މަހަކު 2.49 ޔޫރޯއަށެވެ. މެޓާގެ ތަރުޖަމާނަކު ބުނި ގޮތުގައި، ވޮޓްސްއެޕް ޕްލަސްއަކީ އެޕްލިކޭޝަން އިތުރަށް އަމިއްލަ ގޮތަކަށް ފަރުމާކޮށް، ތަރުތީބުކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފުކުރި އިހްތިޔާރީ ހިދުމަތެކެވެ. އަދި މި ހިދުމަތް މިހާރު މަޑުމަޑުން އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ދޫކުރަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ބަދަލާއެކުވެސް، ވޮޓްސްއެޕްގެ އަސާސީ ހިދުމަތްތައް ކަމަށްވާ މެސެޖުކުރުމާއި، ގުޅުމާއި، އެންޑް-ޓު-އެންޑް އެންކްރިޕްޝަން ކުރިންވެސް އޮތް ގޮތަށް ހިލޭ ލިބޭނެއެވެ. ޓެކްނޮލޮޖީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ އިޝްތިހާރުގެ އިތުރުން އާމްދަނީ ހޯދާނެ އާ މަގުތައް ފަހިކުރުމަށް މެޓާއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން އެޅި ފިޔަވަޅެކެވެ. ހާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސްއަށް ކުރާ ހޭދަ އިތުރުވަމުންދާ ދަނޑިވަޅެއްގައި، މިއީ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް މުހިންމު ނިންމުމެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ. މީގެ ކުރިން އެންޑްރޮއިޑްގައި ޓެސްޓުކުރަން ފެށި މި ހިދުމަތް، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގިނަ ބަޔަކަށް ލިބިގެންދާނެ ކަމަށް ބެލެވޭކަމަށް ހަބަރުތައް ބުނެއެވެ.