ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގެ ތެރެއިން ނޫސްވެރިންނާ ޒުވާބުކޮށް، އިދިކޮޅު ފަރާތްތަކުން ހޫނު ރައްދުތަކެއް ދީފިއެވެ.
ރެއާލަށް މިދިޔަ ދެ ސީޒަންވެސް ހުސްއަތާ ނިންމާލަން ޖެހިފައިވާ އިރު، މިދިޔަ ހަފުތާއެއްހާ ދުވަސް ވެގެންދިޔައީ އެޓީމަށް އުނދަގޫ ދުވަސްތަކަކަށެވެ. ޓީމުތެރޭގައި ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެގޮތުން އޮރެލިއަން ޗުއަމެނީއާއާއި ފެޑެރީކޯ ވަލްވާޑޭގެ މާރަމާރިގެ މައްސަލައެއް ފެންމަތިވުމުގެ އިތުރުން، އަނިޔާގައި ހުރެ ޗުއްޓީ ހޭދަކުރަން ދިޔަ ކިލިއަން އެމްބާޕޭ ކްލަބުން ބޭރުކުރަން ގޮވާލައި ހިންގަމުންދާ ޕެޓިޝަނުގެ މައްސަލަވެސް ހިމެނެއެވެ.
އެ ހުރިހާ ކަންތައްތަކެއް ހިނގާފައިވުމާއެކު ސަޕޯޓަރުންގެ ނުރުހުންވެސް ޓީމަށް ވަނީ އަމާޒުވެފައެވެ. ޔޫރަޕްގެ އެންމެ ކާމިޔާބު ކްލަބު ރެއާލްގެ އަސްލު ގެއްލިފައިވާ ކަމަށް ސަޕޯޓަރުން ފާހަގަކޮށްފައިވާ އިރު، ޕެރޭޒްގެ ޕްރެސްގައި އެކަންކަމަށްވެސް ވާހަކަ ދައްކަވާ، ރައްދު ދެއްވާފައިވެއެވެ.
"އަހަންނަށް އެނގޭ އެއީ މީޑިއާ ކެމްޕޭނުތަކެއްކަން. ސީދާ މި ކްލަބާއި އަހަންނަށް ޓާގެޓްކޮށް ހިންގާ ބޮޑު ކެންޕޭނެއް އެއީ،" ޕެރޭޒް ވިދާޅުވިއެވެ.
ޕެރޭޒް، 2009 ވަނަ އަހަރު ޖޫން މަހުން ފެށިގެން ރެއާލްގެ ރައީސްކަން އަދާކުރަމުންދާ އިރު، މިއީ އޭނާ ރައީސްކަމުގައި ހުންނަވާ ދެވަނަ ފަހަރެވެ. އޭގެ ކުރިން ޕެރޭޒް ވަނީ 2000 ވަނަ އަހަރުން 2006 ވަނަ އަހަރަށް އެ ކްލަބުގެ ރައީސްކަން ކުރައްވައިފައެވެ. ޕެރޭޒް އިއްޔެގެ ޕްރެސްގައި އިންތިހާބަކަށް ފުރުސަތު ދޭން ނިންމަވާފައިވާ ކަމަށް ހާމަކުރެއްވިއެވެ.
ޕްރެސްގައި ޕެރޭޒާ ކުރިމަތިވި އެއް ސުވާލަކީ ކްލަބުގެ ރައީސްކަން ކުރެއްވުމުގެ ހަކަތަ ނެތްކަމަށް ގަބޫލުކުރައްވަންތޯ އަހައި ނޫސްވެރިޔަކު ކުރި ސުވާލެކެވެ. އެ ސުވާލަށް 79 އަހަރުގެ ޕެރޭޒް ޖަވާބުދެއްވީ ރުޅިގަދަވެގެންނެވެ.
"އަހަންނެއް ނޫޅެން މަގާމު ދޫކޮށްލާފައި ދާކަށް. އަހަރެން މި މަގާމުގައި ހުންނާނަން އިންތިހާބަކުން ބަލިވަންދެން. އިންތިހާބަކުން އަހަރެން ދުރުކުރަން ޖެހޭނީ. އަހަންނަކީ ހީކުރާހެން މަސައްކަތް ކުރާ މީހެއް ނޫން. އަހަރެން ބުރަކޮށް މި ކްލަބަށް މަސައްކަތް ކުރަން. އަހަންނަކީ އެންމެ ލަހުން ނިދާފައި، އެންމެ އަވަހަށް ހޭލާ މީހާ،" ޕެރޭޒް ފާހަގަކުރެއްވިއެވެ.
އެހިސާބުން ނޫސްވެރިންނާ ޖަދަލުކުރުމުގެ ބަދަލުގައި ޕެރޭޒްގެ ވިސްނުން އަނބުރާލެއްވީ ލަލީގާއަށެވެ. ޕެރޭޒް ފާހަގަކުރެއްވީ މިފަހަރު ލީގު ނުލިބުނީވެސް ރެފްރީންގެ ގޯހުން 18 ޕޮއިންޓް ގެއްލިގެން ކަމަށެވެ.
"މީހުން ހަނދާން ނެތުނީ ކަންނޭނގެ އަހަރެން މި ކްލަބާ ހަވާލުވިފަހުން 37 ތަށި ހޯދައިދީފިން. އެކަން ހަނދާން ނެތޭ މީހުން އެބައުޅޭ. ކްލަބުގެ ތެރެއިންވެސް އެބައުޅޭ އަހަންނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން. ބޯޑު ތެރެއިން މައުލޫމާތު ލީކުކޮށް މި ކްލަބު ހަލާކު ކޮށްލަން އުޅޭ މީހުން. އެމީހުން އަހަންނާ ކުރިމަތިލާންވީ އިންތިހާބުން. ދެން އޮތީ އަނެއް ވާހަކަ. އެއީ ލަލީގާގެ ވާހަކަ. ލަލީގާގެ ކޮރަޕްޝަނާ އަހަރެމެން އެބަ ޖެހޭ ކޮންމެ ސީޒަނެއްގައިވެސް ހަނގުރާމަ ކުރަން. ރެއާލަށް މި ސީޒަނުގައިވެސް ރެފްރީންގެ ގޯހުން 18 ޕޮއިންޓް ގެއްލުނު،" ޕެރޭޒް ވިދާޅުވިއެވެ.
ޕެރޭޒް މިއަދުގެ ޕްރެސްއަށް ނޫސްވެރިންނަށް ކިޔާފައިވަނީވެސް ވަގުތު ކުޑަތަން ކޮށްފައެވެ. އިންތިހާބަކަށް ގޮވާލެއްވި އިރު، އެ އިންތިހާބުގައި ވާދަކުރައްވަން ކެރޭނެ އިދިކޮޅު ކެނޑިޑޭޓެއް ހުރިނަމަ އަވަހަށް ނަން ހުށަހަޅުއްވަންވެސް ޕެރޭޒް އެދިލެއްވިއެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް