ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންގެ މައްސަލަތައް ބެލުމަށް، ބިދޭސީންގެ އެކައުންޓުތަކުގައި ފައިސާ ދައުރުކުރާ ގޮތް ބަލަން ވަރަށް އަވަހަށް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ފިހާރަތަކާއި ބައެއް ވިޔަފާރިތަކުގައި ބިދޭސީން އިސްކޮށް ހަރަކާތްވާ ކަމަށް ބުނެ ގިނަ ޝަކުވާތައް ލިބޭ ކަމަށެވެ. ނަމަވެސް މިނިސްޓްރީން އެތަންތަން ބަލައި ފާސްކުރާ އިރު، އެތަންތަނަކީ ގިނަ ފަހަރަށް ދިވެހީންގެ ނަމުގައި ހިންގަމުން އަންނަ ތަންތަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތަންތަން ބަލައި ފާސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރާ ބިދޭސީ މީހާއަކީ ގަވައިދާ ހިލާފަށް މަސައްކަތްކުރާ މީހެއްތޯ ބަލާ ކަމަށެވެ. އަދި އަދި ގަވައިދާ ހިލާފަށް މަސައްކަތްކުރާ މީހެއް ނަމަ، ވަގުތުން އެމީހާކު އިމިގްރޭޝަނާ ހަވާލު ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ މައްސަލަތައް ވަރަށް ގިނައިން ފާހަގަ ކުރެވޭ ކަމަށާއި އެހެންވެ އެކަމަށް ހައްލެއް ހޯދުމަށް ވިޔަފާރި ވެރިންނާއި ބިޒްނަސް ކައުންސިލަށް ހުށަހެޅި ކަމަށެވެ އަދި އެ ކައުންސިލާއި ވިޔަފާރި ވެރިންވެސް ލަފާ ދީފައިވަނީ ބިދޭސީންގެ މީރާ އެކައުންޓާއި ބޭންކު އެކައުންޓުތައް ދައުރުވާ ގޮތް ބެލުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު އެކަމަށް ވެސް އަޅުގަނޑުމެން އެބަ މަސައްކަތްތަކެއް އެބަ ކުރަން، ދުވަސްކޮޅެއް ތެރޭ އަޅުގަނޑުމެންނަށް އެނގޭނެ އެ ފައިސާ ދައުރުވަނީ ބިދޭސީ އެކައުންޓެއްގަތޯ ނޫނީ ކިހާ ވަރެއްގެ ލިންކޭޖެއް އިނދޭތޯ މި ނެޓްވޯކު ތެރޭގަ މިފަދަ ވިޔަފާރިތައް ހިންގާއިރު،" އޭނާ ވިދާޅުވިއެވެ.
ސައީދު މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 242 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އަދި 102 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ. އަދި ބިދޭސީންނާ ގުޅޭ 409 ނުވަ ޝަކުވާ އެއް ވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބަންދު ކުރި ތަންތަނުގެ ތެރެއިން 57 ތަނަކީ ނުގަވާއިދުން ހިންގަމުންދިޔަ ވިޔަފާރިތައް ކަމަށެވެ. އަދި ބަންދުކުރި ތަންތަނުގެ ތެރޭގައި 45 ސެލޫން އަދި ސްޕާ ހިމެނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބަންދު ކުރި ތަންތަނުގެ ތެރެއިން ކުދި ކުދި މައްސަލަތަކާ ގުޅިގެން ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމުން 61 ތަން އަލުން ހުޅުވަން ހުއްދަ ދީފައިވާނެ ކަމަށެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު