ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ބައިގެ ސިންގަލްސް ފައިނަލްތަކުގައި ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި އައިމިނަތު ނަބީހާ އަބްދުލް ރައްޒާގުގެ އިތުރުން ހުސައިން ޒަޔާން ޝަހީދު ޒަކީ އަދި ނިބާލް އަހުމަދު ދަތުރު ކޮށްފިއެވެ.

މިފަހަރުގެ އެސޯސިއޭޝަން ކަޕް، 213 ކުޅުންތެރިންނާއެކު މިމަހުގެ ހަވަނަ ދުވަހު ފަށާފައިވާ އިރު، މިއީ 2023 ވަނަ އަހަރު ފަހުން މުބާރާތް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އޭގެފަހުން ބެޑްމިންޓަން ހިންގުމުގެ މައްސަލަގަނޑެއްގައި ދެ އަހަރެއްހާ ދުވަސްވެގެން ގޮސްފައިވާ އިރު، މިފަހަރު މުބާރާތަކީ އާ އެކްސްކޯއިން ހަވާލުވެ ބާއްވަމުންދާ މުބާރާތެކެވެ. މިދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ބެޑްމިންޓަނަށް ބީޑަބްލިއުއެފްއިން ސަސްޕެންޝަނެއްވެސް އައިސްފައިވާ އިރު، މިހާރު ވަނީ މައްސަލަ ހައްލުވެފައެވެ.

ޖުމުލަ ހަ ދުވަހަށް ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނީ އޯޕަން އިވެންޓްތަކުގެ ސެމީ ފައިނަލް މެޗުތަކެވެ.

ފިރިހެން ސިންގަލްސް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ނިބާލް ނުކުތީ ހަސަން ޒަޔާން އަހުމަދާ ދެކޮޅަށެވެ. އެމެޗު ނިބާލް ދެ ސެޓުން ގެންދިޔަ އިރު، ސެޓުތައް ދިޔައީ 15-9 އަދި 15-10 އަކުންނެވެ. ދެވަނަ ސެމީގައި ޒަޔާން ވަނީ ހައިޝަމް އިބްރާހީމް ކައިރިން ދެ ސެޓުން މޮޅުވެފައެވެ. އެއީ 15-6 އަދި 15-12 އިން ސެޓުތައް ގެންގޮސްގެންނެވެ.

އަންހެން ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނަބީހާ ނުކުތީ ޝުބާ މުހައްމަދު ޝަރީފާ ދެކޮޅަށެވެ. އެމެޗު ނަބާހާ ދެސެޓުން ގެންދިޔައީ 15-5 އަދި 15-2 ގެ ސްކޯތަކާއެކުގައެވެ. ނަބާހާ ސެމީއަށް ދިޔައީ ދެސެޓުން ޔަލްވީ ހުސައިން ޒުހުރީ ބަލިކޮށްފައެވެ. ސެޓުތައް ދިޔައީ 15-10 އަދި 15-8 އިންނެވެ.

މާދަމާ ފިރިހެން އަދި އަންހެން ޑަބަލްސްގެ އިތުރުން މިކްސް ޑަބަލްސްގެ ފައިނަލްތައްވެސް އޮންނާނެއެވެ. މިކްސް ޑަބަލްސް ފައިނަލުގައި ނިބާލާއި ނަބީހާގެ ޕެއާ ނުކުންނާނީ ޒަޔާނާއި ނަބާހާގެ ޕެއާއާ ދެކޮޅަށެވެ. އަދި އަންހެން ޑަބަލްސް ފައިނަލުގައި ނަބާހާއާއި ނަބީހާގެ ޕެއާ ނުކުންނާނީ އައިމިނަތު ނަސީމާއާއި ބުސައިނާ އަހުމަދު ރިޒާގެ ޕެއާއާ ދެކޮޅަށެވެ.

ފިރިހެން ޑަބަލްސް ފައިނަލުގައި ނިބާލާއި ޒަޔާންގެ ޕެއާ ނުކުންނާނީ އަހުމަދު ތޯއިފް މުހައްމަދާއި ރިއާޒް މުހައްމަދުގެ ޕެއާއާ ދެކޮޅަށެވެ.

މިފަހަރުގެ މުބާރާތުގައި 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން، އޯޕަން ކެޓަގަރީ ކުރިއަށްދާ އިރު، އުމުރުފުރާތަކުގެ އިވެންޓްތައް ވަނީ ނިމިފައެވެ. އޯޕަން ބައިގެ ފައިނަލްތައް ފަށާނީ މާދަމާ ހަވީރު 4:00 ގައެވެ.