"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލާގައި ކުރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވާން ތައްޔާރުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ. ޕީޖީ އޮފީހުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޕީޖީ އޮފީހުގެ އެދުމުގެ މަތިން ކުރިމިނަލް ކޯޓުންވަނީ އިއްޔެ ގެގް އަމުރެއްވެސް ނެރެފައެވެ. އެ އަމުރުގެ ދަށުން، ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން "އައިޝާ" ޑޮކިއުމަންޓްރީ ދައުރު ކުރުން ވަނީ މަނާކޮށްފައެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިއުމަންޓްރީގައި ދައްކާފައިވާ ވާހަކަތައް ފެތުރުމާއި، މައްސަލައިގެ ހަސްމުންނާ ގުޅޭ ވާހަކަތައް ދެއްކުންވެސް ވަނީ މަނާކޮށްފައެވެ.

ގެގް އަމުރުގައިވަނީ، މި މައްސަލައިގެ ޝަރީއަތް ސިއްރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ މި މައްސަލައިގައި ހުށަހަޅާ ލިޔުންތަކާއި ޝަރީއަތާ ގުޅޭ ވާހަކަތައްވެސް ނުފެތުރުމަށްވެސް އަންގައިފައެވެ.

ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އޮފީހުގެ މުވައްޒަފަކު ވަނީ ރައީސް ޑރ. މުއިއްޒުއާއެކު ރައީސް އޮފީހުގައި ބަދުއަހުލާގީ އަމަލު ހިންގިކަމަށް ބުނެފައި ކަމަށެވެ. އެ ތުހުމަތު ކުރީ "އަދަދު" ނޫސް މެދުވެރިކޮށް ކަމަށްވާއިރު، ސަރުކާރުން ދެން ކުރި ކަމަކީ ނޫހުގެ އިސް ދެ ނޫސްވެރިއަކަށް ދައުވާކޮށް، ކޯޓު އަމުރެއް ނެރެ، ތުހުމަތާ ގުޅޭ ވާހަކަ ދެއްކުން މަނާކުރީކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި ކޯޓު އަމުރާ ފާޅުގައި ގިނަ ބަޔަކު ހިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭނެ އިހުތިޖާޖެއް، އަޅުގަނޑު މި ހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ "އަދަދު" ނޫހުގެ ޑޮކިއުމަންޓްރީގެ މައްސަލާގައި ހިނގަމުންދާ ކަންކަން ބަލައިގަންނަން ދަތި ކަމަށެވެ.

ނަޝީދު ވިދާޅުވީ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާއި، ނޫހުގެ ސިއްރު މަސްދަރު ހާމަކުރަން މަޖުބޫރުކުރުމާއި، ނޫހުގެ އޮފީހަށް ފުލުހުން ރެއިޑް ކުރުމާއި، ނޫސްތަކާއި ނޫސްވެރިންގެ މުދަލާއި ސާމާނު ފުލުހުން ހިފެހެއްޓުން އަދި ނުރުހޭ ސުވާލެއް ކުރީމައި ޕްރެސް ކޮންފަރެންސްތަކުން ނޫސްވެރިން ބޭރުކުރުމަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

"އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން" ނަޝީދު ވިދާޅުވިއެވެ.