އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމާޒަށް، ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި ބޯޓުފަހަރަށް ރައްކާތެރިކަން ދިނުމަށް "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، އޮމާން ކަނޑު ސަރަހައްދުގައި އީރާނުގެ ދިދަ ނަގާފައިވާ ދެ ތެޔޮ ޓޭންކަރަކަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވާގޮތުގައި، އެމެރިކާގެ ކަނޑުގެ ސިފައިންގެ އެފް/އޭ-18 ސުޕަރ ހޯނެޓް މަތިންދާބޯޓުތަކުން ހަމަލާދީ ހުއްޓުވާފައިވަނީ "އެމް/ޓީ ސީ ސްޓާ 3" އަދި "އެމް/ޓީ ސެވްދާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ.
މި ހަމަލާތައް ދީފައިވަނީ ކަނޑުދަތުރުފަތުރުގެ ފީއާ ގުޅޭގޮތުން އުފެދުނު މައްސަލަތަކަކަށްފަހު، އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް އެމެރިކާއިން ބުނެއެވެ. މި އޮޕަރޭޝަނުގައި އެމެރިކާއިން ވަނީ 15،000 ސިފައިންނާއި، މަނަވަރުތަކާއި، އަދި ޑްރޯންތައް އެ ސަރަހައްދަށް ފޮނުވައިފައި ކަމަށް ހަބަރުތައް ބުނެއެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 20 އިންސައްތަ ހުރަސްކުރާ މި މުހިންމު ކަނޑުއޮޅީގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސަލާމަތީ ތަޖުރިބާކާރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި ހަމަނުޖެހުންތަކުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުގެ އަދަދު ވަނީ 90 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ ކުރީން ދުވާލެއްގެ މައްޗަށް 110 އަށްވުރެ ގިނަ ބޯޓު ދަތުރުކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 10 އަށްވުރެ ދަށަށް ގޮސްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށާއި އިގްތިސޯދަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރައިފައެވެ.
މިކަމާ ގުޅިގެން ވައިޓް ހައުސްއިން ބުނެފައިވަނީ، މިއީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ، އީރާނުން ސުލްހައިގެ އެއްބަސްވުމަކަށް ނައިސްފިނަމަ މިއަށްވުރެ ވަރުގަދަ "ޕްރޮޖެކްޓް ފްރީޑަމް ޕްލަސް" އެއް ފަށާނެކަމަށެވެ. ނަމަވެސް، އީރާނުގެ ސަރުކާރުން ވަނީ އެމެރިކާގެ މި އަމަލުތައް ކުށްވެރިކޮށް، މިއީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް އެމެރިކާއިން ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، އެމެރިކާގެ މި އަމަލުތަކަކީ ސުލްހައިގެ އެއްބަސްވުންތަކާ ހިލާފު، އަދި ނުރައްކާތެރި އަސްކަރީ ފިޔަވަޅުތަކެއް ކަމަށެވެ. މި ހަމަނުޖެހުންތަކާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ