އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވި ފަސްވަނަ ގޯލްޑް ހައުސް ގޯލްޑް ގާލާގައި މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއަށް ޝަރަފުވެރި 'ގްލޯބަލް ވެންގާޑް އޮނަރ' ގެ އެވޯޑު ދީފިއެވެ. މި އެވޯޑަކީ އިރުމައްޗާއި ހުޅަނގުގެ މުނިފޫހިފިލުވުމުގެ ސިނާއަތް ގުޅުވައިދިނުމުގައި އޭނާ ކޮށްފައިވާ 25 އަހަރުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.
"އަ ނިއު ގޯލްޑް ވޯލްޑް" ގެ ތީމަށް ލޮސް އެންޖެލިސްގެ ދަ މިޔުޒިކް ސެންޓަރުގައި ބޭއްވި މި ހަފުލާގައި އެކި ސިނާއަތްތަކުން 650 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވިއެވެ. މިއީ މުނިފޫހިފިލުވުމާއި، ވިޔަފާރިއާއި، ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ އޭޝިއާ ޕެސިފިކްގެ ލީޑަރުންގެ އަގުވަޒަންކުރުމަށް ބާއްވާ ހަފުލާއެކެވެ.
ޕްރިޔަންކާގެ އިތުރުން މި ހަފުލާގައި ޖެޓް ލީ އަދި ސިމޫ ލިއޫ ފަދަ ތަރިންނަށްވެސް ވަނީ އެވޯޑު ދީފައެވެ. ގޯލްޑް ހައުސްއިން ބުނާ ގޮތުގައި ގްލޯބަލް ވެންގާޑް އޮނަރ އަކީ އޭޝިއާ ޕެސިފިކް އަދި ހުޅަނގުގެ ސަގާފަތްތައް ގުޅުވައިދީ، ކުރިއެރުން ނުލިބިވާ ފަރާތްތަކުގެ އަޑު އުފުލައިދޭ ފަރާތްތަކަށް ދޭ ހާއްސަ ޝަރަފެކެވެ. ފާއިތުވި ދެ ދިހައަހަރު ދުވަހުގެ ތެރޭގައި ޕްރިޔަންކާ ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ދެކުނު އޭޝިއާގެ ފަންނާނުން ތަމްސީލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މި އެވޯޑާ ގުޅޭގޮތުން ވާހަކަދައްކަމުން ޕްރިޔަންކާ ބުނީ، “25 އަހަރަކީ މުޅި އުމުރު ދުވަސް ފަދަ މުއްދަތެއް ކަމަށާއި، އަމިއްލަ މީހުންގެ ފަރާތުން މިފަދަ ޝަރަފެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް” ކަމަށެވެ.
މި ހަފުލާގައި އޭނާ ލައިގެން ހުރީ އިންޑިއާގެ ސަގާފީ މަސައްކަތްތެރިކަން ދައްކުވައިދޭ، 20 އަހަރުވީ ޗިކަންކާރީ ސާޅީއަކުން ފަރުމާކޮށްފައިވާ ހާއްސަ ހެދުމެކެވެ. އަމިތު އައްގަރްވާލް އަދި އަމީ ޕަޓޭލް ފަރުމާކުރި މި ހެދުމަކީ ސަގާފީ މަސައްކަތްތެރިކަމާއި ޒަމާނީ ފަރުމާކުރުން ގުޅުވައިދޭ ހެދުމެކެވެ.
ޕްރިޔަންކާގެ ކެރިއަރުގައި އޭނާ ވަނީ ބޮލީވުޑުން ފެށިގެން ހޮލީވުޑާ ހަމައަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 'ކުއަންޓިކޯ' މެދުވެރިކޮށް އޭނާ ވެފައިވަނީ އެމެރިކާގެ ނެޓްވޯކް ޑްރާމާއެއްގެ ލީޑު ރޯލު ކުޅުނު ދެކުނު އޭޝިއާގެ ފުރަތަމަ އެކްޓަރަށެވެ. މީގެ އިތުރުން އޭނާގެ ޕްރޮޑަކްޝަން ކުންފުނި، ޕަރޕަލް ޕެބަލް ޕިކްޗަރސް މެދުވެރިކޮށް އޭނާ އަންނަނީ އާ ފަންނާނުންނަށް ފުރުސަތުތައް ފަހިކޮށްދެމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން އޭނާ ވަނީ ޓައިމް 100 އަދި ފޯބްސްގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓުގައިވެސް ހިމެނިފައެވެ.
ޕްރިޔަންކާ ޗޯޕްރާ
ޕްރިޔަންކާ ޗޯޕްރާ