ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ގުޅިގެން އާ ފިލްމީ ޕްރޮޖެކްޓެއް އުފައްދަން ނިންމައި، އެކަން އިއުލާނުކޮށްފިއެވެ. މިއީ މި ދެ ތަރިން ގުޅިގެން ފިލްމެއް އުފައްދާ ފުރަތަމަ ފަހަރެވެ.

މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޕްރޮޖެކްޓަކީ ޕްރިޔަންކާގެ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޕާޕަލް ޕެބަލް ޕިކްޗާސް (ޕީޕީޕީ) ގެ ދަށުން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ދެ މީހުންވެސް ކޯ-ޕްރޮޑިއުސަރުންގެ ގޮތުގައި ހަރަކާތްތެރިވާއިރު، ފިލްމުގެ އުފެއްދުންތެރިކަމުގެ މައިގަނޑު މަސައްކަތްތަކުގައި ދެމަފިރިން އިސްދައުރެއް އަދާކުރާނެއެވެ. މީގެ ކުރިންވެސް ބައެއް ޓީވީ ޝޯތަކާއި ވިޔަފާރިތަކުގައި ގުޅިގެން މަސައްކަތްކޮށްފައިވާ މި ދެ ތަރިން ބުނި ގޮތުގައި، މިއީ އެ މީހުންގެ ފިލްމީ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޕްރިޔަންކާ ބުނިގޮތުގައި، ދެ މީހުން އެކުގައި ޝޯތައް ޕްރޮޑިއުސްކޮށް އުފެއްދުންތެރި މަސައްކަތްތަކެއް ކުރަމުން އަންނައިރު، އޭގެ ނަތީޖާއަކަށް ވާނީ ދެ މީހުން އެކުގައި ފިލްމެއްގެ މަސައްކަތް ކުރުމެވެ. އަދި ދެ މީހުންގެ ހިޔާލުތައް ގުޅިގެން އާ ކަންތައްތަކެއް ބެލުންތެރިންނަށް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ނިކް ޖޯނަސް ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު މި ދެމަފިރިން ވަނީ އެމެޒޯން ޕްރައިމްއަށް އިންޑިއާގެ ކައިވެނީގެ ސަގާފަތްތައް ދައްކުވައިދޭ ޝޯއެއްވެސް ޕްރޮޑިއުސްކޮށްފައެވެ. އޭގެ ފަހުން ވިޔަފާރީގެ އެކި ދާއިރާތަކުގައި ގުޅިގެން އިންވެސްޓުކޮށްފައިވީ ނަމަވެސް، މިއީ ފީޗާ ފިލްމެއްގެ މަސައްކަތުގައި ދެ މީހުން އެއްކޮށް ހަރަކާތްތެރިވާ ފުރަތަމަ ފަހަރެވެ.

މި އާ ޕްރޮޖެކްޓާއެކު ޕްރިޔަންކާގެ ފިލްމީ މަސައްކަތްތަކަށް އިތުރު ބާރުބޮޑުވުމެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ އޭނާ މިހާރުވެސް އަންނަނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހު ނެރުނު ކަމަށް ތާވަލުކޮށްފައިވާ އިންޑިއާގެ ބޮޑު ފިލްމު “ވަރަނާސީ” އަދި ހޮލީވުޑްގެ ފިލްމު “ދަ ބްލަފް” ގެ މަސައްކަތް ކުރަމުންކަމެވެ.

މި އާ ފިލްމުގެ ސްކްރިޕްޓް ލިޔުމާއި ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، ފިލްމު ރިލީޒްކުރާނެ ވަކި ތާރީހެއް އަދި އާންމުކޮށްފައެއް ނުވެއެވެ.