ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ގަޑި އުފައްދާ ސްވިޒަލޭންޑުގެ ކުންފުނި، ރޯލެކްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް (ޓެސްޓިމޮނީއަކަށް) އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް ހަމަޖައްސައިފިއެވެ. މިއަދު އިއުލާނުކުރި މި ޕާޓްނަޝިޕާއެކު، ޕްރިޔަންކާ ވެގެންގޮސްފައިވަނީ ޖޭމްސް ކެމެރަން އަދި ލިއޮނާޑޯ ޑިކެޕްރިއޯ ފަދަ ދުނިޔޭގެ ފެންވަރުގައި ރޯލެކްސް ތަމްސީލުކުރާ މަދު ތަރިންގެ ތެރެއިން އެކަކަށެވެ.
ރޯލެކްސްއިން ބުނި ގޮތުގައި، ޕްރިޔަންކާ މި މަގާމަށް ހަމަޖެއްސީ އޭނާއަކީ ހޮލީވުޑާއި ބޮލީވުޑް ގުޅުވައިދޭ މުހިންމު ފަންނާނަކަށް ވުމުގެ އިތުރުން، ޔުނިސެފް މެދުވެރިކޮށް ވޭތުވެދިޔަ 15 އަހަރު ދުވަހު އޭނާ ކޮށްފައިވާ އިންސާނީ ހިދުމަތްތަކުގެ ސަބަބުންނެވެ.
މީގެ ކުރިން 2021 ވަނަ އަހަރުން ފެށިގެން އިޓަލީގެ ލަގްޒަރީ ބްރޭންޑް ބުލްގާރީގެ އެމްބެސެޑަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވަމުން އަންނަ ޕްރިޔަންކާއަށް ރޯލެކްސްގެ އެމްބެސެޑަރުކަން ލިބުމަކީ، ލަގްޒަރީ ބްރޭންޑްތަކުގެ ތާރީހުގައި ވެސް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށް މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އާންމުގޮތެއްގައި ވާދަވެރި ލަގްޒަރީ ކުންފުނިތަކުން އެއް އެމްބެސެޑަރެއް ބޭނުންކުރުމަކީ ކުރާ ކަމެއް ނޫނެވެ.
މި ނިންމުމާ ގުޅޭގޮތުން ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ އިންޑިއާގެ ލަގްޒަރީ މާކެޓު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ދަނޑިވަޅެއްގައި ރޯލެކްސްއިން އެކުލަވައިލި ވަރަށް މުހިންމު ސިޔާސަތެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް އަންނައިރު އިންޑިއާގެ ލަގްޒަރީ މާކެޓުގެ އަގު 85 ބިލިއަން ޑޮލަރާއި 90 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ އެވެ. އެހެންކަމުން، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ އިންޑިއާގެ ތަރިޔަކު މެދުވެރިކޮށް، އޭޝިއާގެ މާކެޓުގައި ރޯލެކްސްގެ ނުފޫޒު އިތުރަށް ގަދަކުރުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒު ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ޕްރިޔަންކާގެ ފަރާތުން އޭނާގެ މެނޭޖަރު އަންޖޫލާ އަޗާރިއާ ވަނީ ރޯލެކްސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާނޯ ބޮއެޝްއާއެކު ލޮސް އެންޖެލިސްގައި މި އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ފުރަތަމަ އިންޑިއާ މާކެޓަށް ހާއްސަކޮށްގެން ފެށި މި މަޝްވަރާތައް ނިމިގެންދިޔައީ މުޅި ދުނިޔެއަށް އަމާޒުކޮށްގެން ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ޕްރިޔަންކާ ހަމަޖެއްސުމަށްފަހުގައެވެ.
ޕްރިޔަންކާ ޗޯޕްރާ
ޕްރިޔަންކާ ޗޯޕްރާ
ކޮމެންޓް