ޕްރައިމް ވީޑިއޯއިން ދާދިފަހުން ނެރުނު “ސިޓަޑެލް” ގެ ދެވަނަ ސީޒަން، އެ ޕްލެޓްފޯމުގައި މިހާރު ދެވަނައަށް އެންމެ ގިނަ މީހުން ބަލާ ޝޯގެ މަގާމު ހޯދައިފިއެވެ. އިޝްތިހާރުކުރުމުގެ ބޮޑެތި ކެމްޕޭންތަކަކާ ނުލައި އަދި މަޝްހޫރު ޝޯ “ދަ ބޯއިޒް” އާ ވާދަކުރަން ޖެހުނު ނަމަވެސް، މި ޝޯ ވަނީ ބެލުންތެރިންގެ ތަރުހީބުގައި “އިންވިންސިބަލް” ފަހަތަށް ޖައްސާލާފައެވެ.
ސްޓްރީމިން އެނަލިޓިކްސް ފޯރުކޮށްދޭ ފްލިކްސްޕެޓްރޯލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މެއި 6 ވަނަ ދުވަހު ނެރުނު ސިޓަޑެލްގެ ދެވަނަ ސީޒަނަށް ފުރަތަމަ ދުވަހު 341 ޕޮއިންޓް ލިބިފައިވެއެވެ. އެއްވަނައިގައި އޮތް ދަ ބޯއިޒްއަށް 508 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައަށް ވެއްޓުނު އިންވިންސިބަލްއަށް ލިބިފައިވަނީ 294 ޕޮއިންޓެވެ.
ފުރަތަމަ ސީޒަނަށް 300 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުފެއްދި މި ޖާސޫސީ ތްރިލަރގެ ދެވަނަ ސީޒަން ޕްރޮމޯޓްކުރުމަށް ޕްރައިމް ވީޑިއޯއިން މާބޮޑު މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް، އިންޑަސްޓްރީގެ އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، އިޝްތިހާރުކުރުމާ ނުލައިވެސް މި ޝޯއަށް ބެލުންތެރިންގެ ސަމާލުކަން ހިފެހެއްޓިފައިވަނީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އެއީ ޝޯގެ ހަތް އެޕިސޯޑު އެއްފަހަރާ ނެރުމާއި، ފުރަތަމަ ސީޒަނާ އަޅައިބަލާއިރު ވާހަކަ ކިޔައިދިނުމާއި އެކްޝަން މަންޒަރުތަކުގެ ފެންވަރު ރަނގަޅުކޮށްފައިވުމެވެ. މީގެ އިތުރުން، އާ ކާސްޓުންނާއެކު ޝޯއަށް ގެނައި ބަދަލުތަކަކީވެސް ބެލުންތެރިން ޝައުގުވެރިވި ކަމެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މިހާރު ދުނިޔޭގެ 48 ގައުމެއްގެ ގަދަ 10 ގައި ސިޓަޑެލް ހިމެނޭއިރު، އޭގެ ތެރެއިން 16 ގައުމެއްގައި މި ޝޯ އޮތީ ދެވަނައިގައެވެ. ފުރަތަމަ ސީޒަނަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ދެވަނަ ސީޒަނަށް ލިބެމުން އަންނަ މި ކާމިޔާބީއާއެކު، މިއީ ޕްރައިމް ވީޑިއޯގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒަށް ވުމުގެ ފުރުސަތު ބޮޑުކަމަށް މާހިރުން ލަފާކުރެއެވެ.
އެމޭޒަން
އެމޭޒަން
އެމޭޒަން
އެމޭޒަން