އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ޑައިރެކްޓުކުރާ އާ ފިލްމު "ވާރަނާސީ" ގައި ހިމެނޭ އެކްޝަން މަންޒަރުތަކާއި، އެ ފިލްމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވާހަކަދައްކައިފިއެވެ. "ހޭ ޖޯނަސް" ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ޕްރިޔަންކާ ބުނި ގޮތުގައި، މި ފިލްމަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ ބޮޑު އެއް ފިލްމެވެ.

ވޭތުވެދިޔަ 14މަސްދުވަހު މި ފިލްމުގެ މަސައްކަތުގައި އުޅެފައިވާކަން ފާހަގަކުރަމުން ޕްރިޔަންކާ ވަނީ ރާޖަމޯލީގެ މަސައްކަތަށް ތައުރީފުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ރާޖަމޯލީގެ ބޮޑު ތަސައްވުރު ހަގީގަތަކަށް ހެދުމަށް ގިނަ ވަގުތު ނަގާ ކަމަށާއި، ނަމަވެސް އޭގެ ނަތީޖާއަކީ ބެލުންތެރިންނަށް ފުރިހަމަ ތަޖުރިބާއެއް ލިބިގެންދިއުމެވެ. ފިލްމުގެ ވާހަކަ ސިއްރެއްގެ ގޮތުގައި ބާއްވަމުން، ޕްރިޔަންކާ ވަނީ ފިލްމުގައި އޭނާގެ ހާއްސަ އެކްޝަން މަންޒަރުތަކެއް ހިމެނޭނެކަން ބުނެފައެވެ.

“މި ފިލްމުގައި އަހަރެން ވަރަށް ގިނަ، ހައިރާންކުރުވަނިވި ސްލޯ-މޯޝަން ފުންމުންތަކެއް ފުންމާނަން. މިއީ މި ފިލްމާ ގުޅޭގޮތުން އަހަރެންނަށް މިވަގުތު ބުނެވެން އޮތް ހަމައެކަނި ވާހަކަ،” ޕްރިޔަންކާ ބުންޏެވެ.

މީގެ އިތުރުން، "ވެރައިޓީ" އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނެފައިވަނީ މި ފިލްމަކީ މީގެ ކުރިން އޭނާ މަސައްކަތްކުރި އެއްވެސް ފިލްމަކާ އެއްގޮތް ފިލްމެއް ނޫން ކަމަށެވެ. އަދި އެންޓާޓިކާއިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ފިލްމުގެ މަންޒަރުތައް ނަގާފައިވާކަން އޭނާ ފާހަގަކުރިއެވެ. 8 އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިޔަންކާ އިންޑިއާގެ ސިނަމާއަށް އެނބުރި އަންނަ މި ފިލްމުގައި އޭނާގެ ނެށުމުގެ މަންޒަރުތަކެއް ހިމެނުމަށް ރާޖަމޯލީގެ ކިބައިން އެދިފައިވާނެ ކަމަށާއި، މިހާރު އެ މަންޒަރުތައް ނަގައި ނިމިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މަހޭޝް ބާބޫ އާއި ޕްރިތުވީރާޖް ސުކުމާރަން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގެ މަސައްކަތާ ގުޅޭގޮތުން ރާޖަމޯލީ ދާދިފަހުން ބުނި ގޮތުގައި، ފިލްމުގެ ބޮޑެތި އެކްޝަން މަންޒަރުތައް މިހާރު ވަނީ ނަގައި ނިމިފައެވެ. އަދި ބާކީ ހުރި މަންޒަރުތައް ކުރިއަށް އޮތް 80 ދުވަހުގެ ތެރޭގައި ނަގައި ނިންމާލެވޭނެ ކަމަށް އޭނާ ބުންޏެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.