އަންނަ މަހު ފަށަން ތައްޔާރުވެފައިވާ ވޯލްޑް ކަޕް 2026 ގެ ހޯސްޓް ގައުމެއް ކަމަށްވާ މެކްސިކޯގައި މަންމައިންގެ ދުވަހާ ގުޅުވައިގެން އަސަރުގަދަ މުޒާހަރާއެއް ކުރިއަށް ގެންގޮސްފިއެވެ.

މެކްސިކޯއަކީ ޒަމާނުއްސުރެން ޑްރަގު ޓްރެފިކިންނާއި ގޭންގް ހަމަނުޖެހުންތައް ބޮޑު، ބޮޑެތި ޑްރަގް ކާޓެލްތައް ހިންގާ ގައުމެކެވެ. އެކަހަލަ އެތައް ކުށެއްގެ ތެރެއިން އާންމުންގެ 130،000 އެއްހާ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެކަން ބޮޑުވާން ފަށާފައި ވަނީ 2006 ވަނަ އަހަރުން ފެށިގެންނެވެ. އެއީ ސަރުކާރުން ޑްރަގާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތައް ހިންގަން ފެށުމުންނެވެ.

މެކްސިކޯ ސަރުކާރުން ދާދިފަހުން އެގައުމުގެ ޑްރަގް ކާޓެލްއެއް ކަމަށް ޖަލިސްކޯ ނިއުޖެނެރޭޝަން ކާޓެލްގެ އެންމެ އިސް ލީޑަރު، ނެމެސިއޯ އޮސެގޭރާ (އެލް މެންޗޯ) މަރާލާފައިވެއެވެ. އެކަމާ ގައުމު ހަލަބޮލިވެސް ވިއެވެ.

ސަރުކާރުން ބުނެފައި ވަނީ މެކްސިކޯގައި ގެއްލިފައިވާ މީހުންގެ ތެރެއިން އަދިވެސް 40،000 އެއްހާ މީހުން އަދިވެސް ދިރިތިބި ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް އެ މީހުން ހޯދަން މަސައްކަތް ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށް ވާތީ ފުލުހުންނާއި ސިފައިން މާބޮޑު ސަމާލުކަމެއް ނުދޭކަމަށް އާއިލާތަކުން ބުނެއެވެ.

މެކްސިކޯގެ މަންމައިން މެކްސިކޯ ސިޓީގެ މަގުތަކަށް ނުކުތީވެސް އެކަމުގައެވެ. މަންމައިން ބުނެފައި ވަނީ ވޯލްޑް ކަޕެއް އައި ނަމަވެސް އުފާފާޅުކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، ދަރިން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށެވެ.

ބެނާތަކާއި ޕޯސްޓަރުތަކާއެކު މަންމައިން ގޮވަމުން ދިޔައީ މެކްސިކޯއަކީ މީހުން ގެއްލުވާލުމުގެ ޗެމްޕިއަނެއް ކަމަށެވެ. އަދި މުޒާހަރާ ކުރަމުންދިޔަ މީހުން ގޮވަމުން ދިޔައީ ފުޓުބޯޅައަށް ލޯބިކުރާ އެންމެންވެސް އެކަމުގައި އަޑުއުފުލައި ދިނުމަށެވެ.