އާއިލާތަކާ އެންމެ ކައިރި ކޮމާންޑެއްގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ސިފައިންނަށް ހަމަޖައްސައިދިނުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރައްވައިފި އެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ ސިފައިންގެ 134 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބަނޑޭރި ކޮށީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެ ޖޯގްރެފިކަލީ ފެތުރިފައި އޮތް ހަގީގަތުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ ކަންކޮޅުތަކުގައި ސިފައިންގެ އެކިއެކި އޭރިޔާ ކޮމާންޑުތައް ހެދިފައި ހުރިއިރު، އެތަންތަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައިވެސް މަސައްކަތްތަކެއް ވަނީ ފެށިފައި ކަމަށެވެ.
އޭގެ ތެރޭގައި އެ ސެންޓަރުތަކުގައި މަސައްކަތްކުރާ ސިފައިންނަކީ އެ މީހުންގެ އާއިލާތަކާ އެންމެ ގާތުން ހުރި ކޮމާންޑު ސެންޓަރެއްގައި ހިދުމަތުގައި ތިބި ބަޔަކުކަމުގައި ހެދުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
"އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން. ކޮންމެ އޭރިޔާ ކޮމާންޑެއް ހުރި އޭރިޔާ ސަރަހައްދުތަކަށް ވިސްނައިގެން ކޮންމެ ސިފައިންގެ މީހަކުގެ އާއިލާ ދިރިއުޅޭ ސަރަހައްދަކީ ކޮބައިތޯ ބަލައި، އެ ސަރަހައްދެއް ހިމެނޭ އޭރިޔާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ގާއިމްކޮށްދޭން ގަސްތުކުރަން، އޭރުން އާއިލާތަކާ ކައިރިން ގައުމަށް ހިދުމަތްކޮށްދޭނެ ފަހި ފުރުސަތު ލިބިގެންދާނެދާނެ. އާއިލާތައް ގާއިމްވެފައިވާ ރަށް، އަތޮޅު، ސަރަހައްދަކަށް ވިސްނައިގެން އެ ސަރަހައްދަކާ އެންމެ ކައިރި ކޮމާންޑެއްގައި މަސައްކަތްކުރާ ގޮތަށް ޑިއުޓީ އަދާކުރެވޭނެ ގޮތަށް ދާއިމީ ފުރުސަތު ހޯދައިދިނުމަށް ގަސްތުކުރަން." އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލު ގެންނާން ބޭނުންވަނީ ސިފައިންގެ މުޅި ފައުޖު އިތުރަށް ވަރުގަދަ ކުރުމަށް ކަމަށާއި އަދިވެސް ސިފައިންގެ ފައުޖު ބިޔަކޮށް ބޮޑު ކުރަން ޒުވާނުން އިތުރުކުރުން މުހިންމު ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން މި އަހަރުގެ ސިފައިންގެ ބަޖެޓު އިތުރުކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މާލެ އޭރިޔާ ކޮމާންޑާއި ހުރިހާ ސަރަހަދެއްގައި އެކަށީގެންވާ އަދަދަކަށް ދާއިމީ ގޮތެއްގައި، ސިފައިން ދާއިމީ ގޮތަކަށް ޑިއުޓީ އަދާކުރުމުގެ ނިޔަތުގައި. މީގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް ގަބޫލުކުރަން. އާއިލާތަކާ ވީހާވެސް ގިނަގިނައިން ބައްދަލު ވާނެ ގޮތަށް ސިފައިންނަށް ހިދުމަތްކުރެވޭނެ ގޮތް ވެގެން ދިއުމަކީ ހަމަޔަގީނުންވެސް، އޭގެ ނަފާ ފުރިހަމަގޮތުގައި އަމިއްލަ ނަފުސަށް އަދި ގައުމަށް ލިބިގެންދާނެ ކަމެއް." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް