ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކުރުމުގެ މަސައްކަތް ކުރައްވާކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާންމުކުރެއްވީ މިދިޔަ މަހުގެ ތެރޭގައެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލާނެކަމަށާއި އެކަމަށް އެދި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، އަމިއްލައަށް ފޯމު ފުރަން ދަތި ފަރާތްތަކާއި، 18 އަހަރު ނުފުރޭ ކުދީންގެ ބަދަލުގައި، އެންސްޕާގައި އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ފްލެޓަށް ހުށަހެޅޭނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސަ ކެޓަގަރީ އިސްލާހުކޮށްފައިވާއިރު މި ފަހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ކުޑަކޮށްދީފަ އެެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގުރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާއްސަ ކެޓަގަރީން ފްލެޓަށް އެދި ހުށައަޅާ ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްގެ ގޮތުގައި ސާބިތުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށައެޅޭނެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.