އުތުރު އެމެރިކާގެ ތިން ގައުމެއްގައި އަންނަ މަހު ފަށާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތު، ހޯސްޓް ތިން ގައުމުގައިވެސް ވަކިން ކުރިއަށް ގެންދަން ފީފާއިން ނިންމައިފިއެވެ.

ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފެންނާނެ އެންމެ ބޮޑު ވޯލްޑް ކަޕް، 48 ގައުމަކާއެކު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ފަށާނީ އަންނަ ޖޫން މަހު 11 ވަނަ ދުވަހުއެވެ. ތިން ގައުމުގައިވެސް ކުޅޭ ފުރަތަމަ މެޗުގެ ކުރިން ވަކިން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ފީފާއިން އިއުލާނު ކޮށްފައިވާ އިރު، އެ ރަސްމިއްޔާތުތަކުގައި ޕާފޯމް ކުރާ އާޓިސްޓުންގެ ނަންތައްވެސް ފީފާއިން ވަނީ އިއުލާނު ކޮށްފައެވެ.

ފީފާއިން އިއްޔެ އިއުލާނު ކޮށްފައިވާ ގޮތުގައި މެކްސިކޯ ސިޓީގައި ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތުން ފެންނާނީ އެގައުމުގެ ސަގާފަތް ދައްކުވައިދޭ ފޯރިގަދަ ހަރަކާތްތަކެކެވެ. އެގޮތުން ގްރެމީ އެވޯޑް ހޯދާފައިވާ އެގައުމުގެ ޕޮޕް އާޓިސްޓް ބޭންޑް މަނާއާއި ލަވަކިޔުންތެރިން ކަމށްވާ އެލެހާންޑްރޯ ފެނާންޑޭޒް އަދި ބެލިންޑާވެސް އެ އިވެންޓްގައި ހުށަހެެޅުންތައް ހުށަހަޅައިދޭނެއެވެ.

ކެނެޑާގައި ބާއްވާ އިވެންޓްގައި އަލާނިސް މޮރިސޭޓޭއާއި މިޝޭލް ބަބްލޭ، ވިލިއަމް ޕްރިންސް އަދި ބަންގްލަދޭޝްއަށް އުފަން އެމެރިކާގެ ޑީޖޭ ސަންޖޯއީގެ ހުށަހެޅުންތައް ފެންނާނެކަމަށް ފީފާއިން އިއުލާނު ކޮށްފައިވެއެވެ. އެ އިވެންޓް އޮންނާނީ ކެނެޑާއާއި ބޮސްނިއާ ވާދަކުރާ މެޗުގެ ކުރިންނެވެ. އެއީ ޖޫން 12 ވަނަ ދުވަހުއެވެ.

އެންމެ ފަހު އިވެންޓަކީ ވޯލްޑް ކަޕްގެ އެންމެ ގިނަ މެޗުތައް ކުޅޭ އެމެރިކާގައި އޮންނަ އިވެންޓެވެ. އެ އިވެންޓްގައި އެމެރިކާގެ ލަވަ ކިޔުންތެރިޔާ ކެޓީ ޕެރީގެ އިތުރުން ލަވަ ކިޔުންތެރިން ކަމަށްވާ ރެމާއާއި ޓައިލާ އަދި އަނީޓާ ފެންނާނެއެވެ.