ދިޔަ ދުވަހުގެ ތެރޭގައި ލިކުއިޑް ގޯލްޑަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ހަ މިލިޔަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ، ލިކުއިޑް ގޯލްޑަންގެ ފަރާތުން ފެނަކަ ކޯޕަރޭޝަނަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކުގެ އަގަށްވާ 9.4 މިލިޔަން ރުފިޔާ ފެނަކައިން ދައްކާފައި ނުވާތީ، އެ ފައިސާ ހޯދުމަށް ލިކުއިޑް ގޯލްޑްގެ ފަރާތުން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލައެކެވެ.
މި މައްސަލައިގައި އެ ދެ ފަރާތުގެ ހާޒިރުގައި އިބްތިދާއީ އަޑުއެހުމެއް ބޭއްވުމުން، ކޯޓުން ބޭރުގައި ދެ ފަރާތުން މަޝްވަރާކޮށް މައްސަަލަ ހައްލު ކުރުމަށް 30 ދުވަހުގެ މުއްދަތު ދިނުމަށް ދެފަރާތުން އެދިފައިވާތީ އެކަމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުުރުމުގެ ނޯޓިސް ދެފަރާތައް ދިނެވެ.
އެކަމާ ގުޅިގެން ދެ ފަރާތުން މަޝްވަރާ ކުރުމަށްފަހު ލިކުއިޑް ގޯލްޑަންގެ ފަރާތުން ފައިސާ ހޯދުމަށް އެދުނު 27 އިންވޮއިސްގެ ތެރެއިން 21 އިންވޮއިސްއަކަށް ދައްކަންޖެހޭ ހަ މިލިޔަން ރުފިޔާ އަކީ ދައްކަންޖެހޭ ފައިސާކަމަށް ފެނަކައިން އެއްބަސްވެ 18 ޑިސެމްބަރު 2025 ގައި ފެނަކައިގެ ފަރާތުން ޝަރީއަތަށް ބަޔާން ހުށަހެޅިއެވެ. ނަމަވެސް ދައްކަން އެއްބަސްވި ފައިސާ ދައްކަން ވަކި މުއްދަތެއް ލިކުއިޑް ގޯލްޑަންގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އެހެންކަމުން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއްނެތި، ލިކުއިޑް ގޯލްޑަންއަށް ފައިސާ ދައްކަންޖެހޭ ކަމަށް ފެނަކައިން އެއްބަސްވެފައިވާ ބަޔަށް ހުކުމް ކޮށްދިނުމަށް އެދި މިދިޔަ މާޗް މަހުގެ 16 ގައި ލިކުއިޑް ގޯލްޑަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
އެ ހުށަހެޅުމުގައި ލިކުއިޑް ގޯލްޑަންގެ ފަރާތުން އެދިފައި ވަނީ، ފެނަކައިން އެއްބަސްވި ހަ މިލިޔަން ރުފިޔާ 10 ދުވަހުގެ ތެރޭގައި ލިކުއިޑް ގޯލްޑަންއަށް ދައްކަން ފެނަކައަށް އަންގައި އަމުރުކޮށް ދިނުމަށާއި، އެއްބައްވެފައިނުވާ ފައިސާއާމެދު ގޮތެއް ކަނޑައަޅައިދިނުމަށެވެ.
މި ހުށަހެޅުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ސިވިލްކޯޓުން ހުކުމްކުރީ، ލިކުއިޑް ގޯލްޑަށްއިން ހޯދުމަށް އެދިފައިވާ ހަ މިލިޔަން ރުފިޔާއަކީ، އެ ކުންފުންޏަށް ފެނަކައިން ދައްކަންޖެހޭ ފައިސާކަން ފެނަކައިގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ކޯޓުން ހުކުމްކުރި ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި މި ފަިސާ ސިވިލްކޯޓަށް ދައްކައި ހަލާސްކުރުމަށް ފެނަކައަށް އަންގައި އަމުރުކުރާ ކަމަށްވެސް ހުކުމުގައިވެއެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން